ހަންގޭރީގެ ބުޑަޕެސްޓްގައި ކުރިއަށްދާ ވޯލްޑް އެކުއެޓިކްސް ސްވިމިން ޗެމްޕިއަންޝިޕް (25 މީޓަރު) ގައި ވާދަކޮށް، ރާއްޖޭގެ މުހައްމަދު އާން ހުސައިނާއި ހަމްނާ އަހުމަދު އަދި މުހައްމަދު ރިހާމް ޝިހާމް ގައުމީ ހަ ރެކޯޑެއް އާކޮށްފިއެވެ.

މިފަހަރުގެ ވޯލްޑް އެކުއެޓިކްސް ސްވިމިން ޗެމްޕިއަންޝިޕްގައި ރިހާން އޭނާގެ ރެކޯޑެއް އާކުރުމުގެ އިތުރުން ހަމްނާ ވަނީ ތިން ރެކޯޑެއް އަދި އާން ވަނީ ދެ ރެކޯޑެއް ހަދައިފައެވެ.

ރިހާން، ފިރިހެނުންގެ ޝޯޓްކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑް އާކުރީ ދެމިނެޓް، 17.93 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ އަތުގައި ކުރިން އެ ރެކޯޑު އޮތީ ދެ މިނެޓް، 21.75 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީ އޮކްޓޫބަރު މަހު ބޭއްވި އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭއޯއެސްއައި) ޝޯޓްކޯސް (25މީޓަރ) އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސްގައި އޭނާ ހަދާފައި އޮތް ރެކޯޑެކެވެ.

އާން ހެދި ރެކޯޑުތަކަށް ބަލާއިރު، އޭނާ ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާކުރީ 23.35 ސިކުންތުން ރޭސް ނިންމައިގެންނެވެ. އާން، މިދިޔަމަހު ހަންގޭރީގައި ބޭއްވުނު އެޤައުމުގެ 20 ވަނަ ނެޝަނަލް ޝޯޓް ޓްރެކް ޗެމްޕިއަންޝިޕްގައި އެ އިވެންޓްގެ ރެކޯޑު އާކޮށްފައި ވަނީ 23.76 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އާން އާކުރި އޭނާގެ އަނެއް ރެކޯޑަކީ ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރެކޯޑެވެ. އެއީ ކުރިން އޭނާ 53.45 ސިކުންތުން ހަދާފައިވާ ރެކޯޑެކެވެ. ކުރިން ރެކޯޑު ހެދީ މިދިޔަމަހު ހަންގޭރީގައި ބޭއްވުނު އެގައުމުގެ 20 ވަނަ ނެޝަނަލް ޝޯޓް ޓްރެކް ޗެމްޕިއަންޝިޕްގައި ވާދަކޮށްގެންނެވެ. މިފަހަރު އާންގެ ޓައިމިންއަކީ 52.29 ސިކުންތެވެ.

ހަމްނާ އަންހެނުންގެ ޝޯޓްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާކުރީ އެއް މިނެޓް، 20.69 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީ ކުރިންވެސް އޭނާ އަތުގައި އޮތް ރެކޯޑެކެވެ. އެއީ މިދިޔަ މަހު ހަންގޭރީގައި ބޭއްވި މުބާރާތުގައި އެއް މިނެޓް، 22.65 ސިކުންތުން ރޭސް ނިންމައިގެން އޭނާ ހަދާފައި އޮތް ރެކޯޑެކެވެ.

އޭގެ އިތުރުން ހަމްނާ ވަނީ ހަންގޭރީގައި ބޭއްވުނު ހާޖޮސް އަލްފްރެޑް ކުޕާގައި އޭނާ ހެދި އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑްވެސް ދެފަހަރަށް އާކޮށްފައެވެ. އެއީ 36.84 ސިކުންތުގެ ޓައިމިންއެއްގެ އިތުރުން 36.55ގެ ޓައިމިންއަކާ އެކުގައެވެ. މިފަހަރު މުބާރާތަށް ނުކުތުމުގެ ކުރިން އޭނާގެ ޓައިމިންއަކީ 37.13 ސިކުންތެވެ.