އަންނަ އަހަރު އދ. މަހިބަދޫގައި 100 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އދ. ގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މަހިބަދުއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓަކީ ރާއްޖޭގެ އެކި ރަށްރަށުގައި ގެދޮރުވެރިކަމާ ގުޅޭ ގޮތުން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް އެކުލަވާލާފައިވާ ބަޖެޓެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ އަންނަ އަހަރަކީ، 2025 ވަނަ އަހަރަކީ މިރަށުގައި [މަހިބަދޫގައި] ގާއިމު ކުރުމަށް އަޅުގަނޑު ވެފައިވާ ވައުދު ފުއްދާ އަހަރު. އިރާދަކުރެއްވިއްޔާ 100 ހައުސިން ޔުނިޓްގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން. އަދި ވީހާވެސް ބާރު މިނުގައި ގެންގޮސް ނިންމައިދޭނެ ކަމުގެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވިއެވެ.
އާބަން ސެންޓަރެއްގެ ގޮތުގައި މަހިބަދޫ ތަރައްގީ ކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވައި ރައީސް ވިދާޅުވީ އެ ރަށުގެ ހިދުމަތްތަކާއި ހުރިހާ ކަމެއް އެންމެ މަތީ ފަންތިއަށް ގެންދަވާނެ ކަމަށެވެ. އެގޮތުން ކުޅިވަރުގެ ކަންކަމާއި ރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންކަން އަންނަ އަހަރު ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އާބަން ސެންޓަރެއްގައި ހުންނަން ޖެހޭ ހުރިހާ ކަމެއް އެ ރަށުގައި ފުރިހަމަވެގެންދާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ސިޔާސަތަކީ މިދައުރު ނިމުމުގެ ކުރިން އެކަންކަން ފުރިހަމަ ކުރުން ކަމަށާއި އެ ސިޔާސަތާ އެއްގޮތަކަށް ހުރިހާ ކަމެއްވެސް ނިމިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު