މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މަސައްކަތްތައް މެދުކަނޑާލަން ޖެހުނު ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް، ހިދުމަތްދޭން ފަށައިފިއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީ ހިންގާ އިމާރާތް ވަނީ އަނދައި ހުލިވެފައެވެ. އެކަމާ ގުޅިގެން އެ އިމާރާތުގައި ހިންގަމުން އައި ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން އެންޑް އިފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ މަސައްކަތްތައް ވަނީ މެދުކަނޑާލައިފައެވެ.
އދ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދަނގެތި ރައްޔިތުންނާ އިއްޔެ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވެސް އެ މަނިކުފާނު ވިދާޅުވެފައިވަނީ މިއަދު ހެނދުނު 8:00 ގައި އެ ތިން މިނިސްޓްރީގެ ހިދުމަތްވެސް ރައްޔިތުންނަށް ދޭން ފަށާނެ ކަމަށެވެ.
އަލިފާނުގެ ހާދިސާއާ ގުޅޭ މައުލޫމާތާއި އެ ހާދިސާއާ ގުޅިގެން މިހާރު ކަންތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާކުރުމަށް އިއްޔެ ދަރުބާރުގޭގައި ބޭއްވި ނޫސް ކޮންފަރެންސްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފައިވަނީ، އެ ހާދިސާއާ ގުޅިގެން ބައެއް ޑޭޓާތައް ގެއްލިގެން އުޅޭކަމުގެ ވާހަކަތަކެއް ފެތުރުނު ނަމަވެސް މިހާތަނަށް ބެލިބެލުމުން ފުދޭވަރަކަށް ގިނަ ޑޭޓާތަކުގެ ބެކަޕް ހެދިފަ ހުރިކަން އެނގިފައިވާ ކަމަށެވެ.
ރައްޔިތުންނާ ސީދާ ގުޅުންހުރި، ހައުސިން މަޝްރޫއުގެ އެއްވެސް މައުލޫމާތެއް ގެއްލިފައިނުވާ ކަމަށާއި ސަރުކާރުން އަލަށް ހުޅުވާލި ލޯނު ސްކީމްގެ އެޕްލިކޭޝަންތައްވެސް ނުގެއްލޭ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެފައިވަނީ، ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކިހިނެއް ހިނގި ހާދިސާއެއްކަން ދަންނަވަން އަދި ދަތި ކަމަށާއި އެ ހާދިސާ ތަހުގީގުކުރަނީ ރާއްޖޭން ބޭރުގެ ޓީމަކާ ގުޅިގެން ކަަމަށެވެ.
"މި ވަގުތުގައި ރާއްޖެން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދާނަން، އަދި އެކަން ވީހާވެސް އަވަހަކަށް ކުރިއަށް މި އޮތް ދެތިން ދުވަހުގެ ތެރޭގައި އެ ޓީމުން އަޅުގަނޑުމެންގެ އިންވެސްޓިގޭޝަން ޓީމާއެކު މަސައްކަތް ކުރެވޭނެ މިންވަރަށް ކަންތަައްތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާުރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް އެބަ ކުރަން،" ސީޕީ ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވެފައިވަނީ، އެކަން ކުރުމުގެ ބޭނުމަކީި އެ ހާދިސާއަކީ ބޮޑު އަލިފާނުގެ ހާދިސާއަކަށްވެފައި، އެކަން ހިނގި ގޮތް ރައްޔިތުންނަށްވެސް އެނގެން ބޭނުންވުމާއި ކުރިއަށް އޮތްތަނުގައި އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް މުހިންމު މައުލޫމާތުތަކަކަށްވުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު