ގާޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕަށް އިޒްރޭލު ސިފައިން ދިން ހަމަލާއާއި ހިންގި ގަތުލުއާއްމު ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިޒްރޭލުން ގާޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި 33 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

އިޒްރޭލުގެ އެ އަމަލު ކުށްވެރިކޮށް ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ އިންސާނިއްޔަތާބެހޭ ގާނޫނުތަކާ ހިލާފަށް، އާންމުންނަށް އަމާޒުކޮށް އިޒްރޭލުން ދޭ އެފަދަ ހަމަލާތަކުގެ ސަބަބުން ގާޒާގެ އިންސާނީ ހާލަތު ގޯސްވެފައިވާ ކަމަށާއި އެކަންކަން ހުއްޓުވަން ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

ސަރުކާރުން ބުނީ، ފަލަސްތީނުގެ ރައްޔިތުން އަދުލުއިންސާފު ހޯދުމަށާއި އެ ގައުމުގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން އެ ގައުމާއެކުގައި އަބަދުވެސް އޮންނާނެ ކަމަށެވެ.