ވިޔަފާރިތަކުން ރާއްޖެ އަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ލާޒިމްވާ ގޮތަށް އެކުލަވައިލި، ބޭރު ފައިސާއާ ބެހޭ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ 12 ޑިސެމްބަރު ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 60 ވަނަ ޖަލްސާ އިން ފާސްކުރި ބިލެކެވެ.
މި ބިލުގެ މަގުސަދަކީ ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ރާއްޖެއިން ބޭރުކުރުމާއި ބޭރު ފައިސާ ރާއްޖޭގައި ގެންގުޅުމާއި ޖަމާކުރުމާއި މާރުކުރުމާބެހޭ އުސޫލުތަކާއި އެ ނޫންވެސް ބޭރު ފައިސާއާބެހޭ މުއާމަލާތްތަކާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާނޭ ކަމާބެހޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ކަނޑައަޅައި އެކުލަވައިލުމެވެ.
މި ބިލުން، ބިލުގައި ކަނޑައަޅާފައިވާ ވަކި ހާލަތުތަކެއްގައި މެނުވީ، ރާއްޖޭގައި ކުރެވޭ އެއްވެސް މަނިޓަރީ އިލްތިޒާމެއް ނުވަތަ މުއާމަލާތެއް، ދިވެހި ފައިސާ ފިޔަވައި، އެހެން އެއްވެސް ބޭރު ފައިސާއަކުން ކުރުމާއި ހުށަހެޅުމާއި އަދާކުރުން މަނާކޮށް، ރާއްޖޭގައި ދިވެއްސަކު ގަންނަ މުދަލާއި ހޯދާ ހިދުމަތުގެ އަގު، ބޭރު ފައިސާ އިން އަދާކުރުމަށް ލާޒިމު ނުކުރެވޭ ގޮތަށް އުސޫލު ކަނޑައަޅައިފައިވެއެވެ.
އަދި މި ބިލުގެ ދަށުން، ބޭރު ފައިސާ އިން އާމްދަނީ (ރިއަލައިޒްޑް ސޭލްސް ޕްރޮސީޑްސް) ލިބޭ، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް، މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާ އިން މަދުވެގެން 15،000،000.00 (ފަނަރަ މިލިއަން) އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކުން، ވަކި މުއްދަތުތަކެއްގައި އެމްއެމްއޭގައި ރަޖިސްޓްރީކޮށް، އެފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތްތަކުން ލިބޭ ބޭރު ފައިސާގެ އާމްދަނީ، ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭންކެއްގައި ހުޅުވައިފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފާ ކުރާ ގޮތަށް ކަނޑައަޅާފައިވެއެވެ.
އަދި ބޭރު ފައިސާ އިން އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ތިން ގިންތިއަށް ފެތޭ ފަރާތްތަކުން، އެ ފަރާތްތަކަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީން ބައެއް، ބޭންކަކަށް މާރުކުރަންޖެހޭ ގޮތަށް ކަނޑައަޅައި، ބޭންކުން އެ ބޭރު ފައިސާގެ ވަކި ޕަސެންޓެއް އެމްއެމްއޭ އިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، އެމްއެމްއޭއަށް ވިއްކާ ގޮތަށްވެސް އެ ބިލުން ހުށަހަޅައިފައިވެއެވެ.
- • ކެޓެގަރީ-އޭ ޓޫރިޒަމް އެސްޓޭބްލިޝްމަންޓުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓުތަކާއި، އިންޓްގްރޭޓެޑް ޓޫރިސްޓް ރިސޯޓުތަކާއި، ޕްރައިވެޓް އައިލަންޑްތަކާއި، ރިސޯޓު ހޮޓާތަކާއި، އެނޫންވެސް އެފަދަ ތަންތަނުން، މިލާދީ މަހެއްގެ ތެރޭގައި އެ އެތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު، ނުވަތަ، މީލާދީ މަހެއްގައި ތެރޭގައި އެތަނަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މި ދެގޮތުންކުރެ ގޮތަކަށް ބޭރު ފައިސާ ބޭންކަކަށް މާރުކުރުން.
- • ކެޓެގަރީ-ބީ ޓޫރިޒަމް އެސްޓޭބްލިޝްމަންޓުގެ ތެރޭގައި ހިމެނޭ، ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުން، މީލާދީ މަހެއްގެ ތެރޭގައި އެތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު، ނުވަތަ މީލާދީ މަހެއްގައި ތެރޭގައި އެތަނަކަށް ލިބޭ ބޭރު ފައިސާގެ ގްރޮސް ސޭލްސްގެ 20 ޕަސެންޓް މި ދެގޮތުންކުރެ ގޮތަކަށް ބޭރު ފައިސާ، ބޭންކަކަށް މާރުކުރުން.
- • ކެޓެގަރީ-އޭ އާއި ކެޓެގަރީ-ބީ ފިޔަވައި، އެހެން ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތްތަކަށް ފާއިތުވި މީލާދީ އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15،000،000 އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ހިދުމަތަށް، މީލާދީ މަހެއްގެ ތެރޭގައި އެ ފަރާތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް ބޭންކަކަށް ރުފިޔާއަށް މާރުކުރުން.
ބޭރު ފައިސާއާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. މި ގާނޫނަށް މަލުކުރަން ފަށާނީ، 1 ޖެނުއަރީ 2025 އިން ފެށިގެންނެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފިޔަވައި ބޭރު ފައިސާއާބެހޭ ގަވާއިދު އާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ރ) އާއި (ބ)، އުވުނީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު