ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އުފެއްދި ސެޓްލްމަންޓް ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން، އެކި ކަންކަމަށް، އެކި ފަރާތްތަކަށް ބަަދަލު ދިން މައްސަލައިގައި އޭރު އޮތް އިކޮނޮމިކް ކައުންސިލުގެ ކޯ ޗެއާ, ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ސިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފަށް އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ ބިރު ދެއްކުމުގެ ގޮތުން ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ އެއީ ސިޔާސީ ބޭނުމުގައި ބިރު ދެއްކުމުގެ ގޮތުން، ރައީސް ސޯލިހާއި އޭރު ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންގެ މައްޗަށް މައްސަލަ ބަލަން ޕީޖީގެ މައްޗަށް ފާސްކުރި ފާސްކުރުމެއް ކަމަށެވެ. އަދި އެންމެހާ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ގާނޫނުއަސާސީން ލާޒިމުކޮށްފައި އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަމައެއާ އެއްކޮށް، އެކަންކަން ކުރުމަށްޓަކައި އެ މާއްދާގެ ދަށުން ކޮމިޓީތައް އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވޭ. އެ އުސޫލުން ސެޓަލްމަންޓް ކޮމިޓީ އުފައްދާފައިވަނީ. އަދި އެއާ އެއްކޮށް އޭޖީ ވެސް ހިމެނޭގޮތަށް ސެޓަލްމަންޓް ކޮމިޓީން ނިންމި ކޮންމެ ނިންމުމަކީ ވަޒީރުންގެ މަޖިލީހުން ފާސްކޮށްގެން އޭޖީގެ ހިމެނުމާ އެއްކޮށް، ހިނގާފައި ހުރި ކަންތައްތައް. އެހެންވީމާ ގޮތް ހުސްވެގެން މިހާރު ސަރުކާރުން ކުރާ ކަމަކީ ބިރު ދެއްކުމުގެ އަމަލުތައް ހިންގަމުން އެދަނީ،" އޭނާ ވިދާޅުވިއެވެ.
ގަފޫރު ވިދާޅުވީ ކޮމިޓީން ސެޓަލްމަންޓާ ގުޅޭ ހުރިހާ ކަރުދާހެއް ހޯދުމަށްފަހު، ކަންކަން ހިނގައިދިޔައީ ފަރުދާގެ ފުރަގަހުގައި ކަމަށާއި ހަމައެކަނި ކޮމިޓީ ރިޕޯޓު ހުށަހަޅާފައި އެކަން އެގޮތަށް ކުރިއަށްގެންދިޔައީ ކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ހިނގައިދިޔައީ އެއްވެސް ވަރަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، އެކަންކަން ބެލިގެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ގާނޫނުއަސާސީގެ ބޭރުން އެއްވެސް ކަމެއް ކޮށްފައެއް ނެތް. އެ ބޭފުޅުން ހުއްޖަތެއްގެ ގޮތުގައި ދައްކަވަނީ އޭޖީގެ ލަފައެއް ނެތޭ. އެހެންނަމަވެސް ސެޓަލްމަންޓް ކޮމިޓީން އެކަން ފާސްކުރުމަށްފަހު، ކެބިނެޓަށް ހުށަނާޅާ އެއްވެސް ކަމެއް ނެތް ކޮށްފައެއް އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި. ކެބިނެޓުގައި އިންނަވާ އޭޖީ ވެސް. އެހެންވީމާ އޭޖީގެ ލަފައަކާ ވެސް އެއްކޮށް އެކަންކަން އޭގެ ޒާތުގައި ނިމި ގޮސްފައި އެވަނީ،" އޭނާ ވިދާޅުވިއެވެ.
ގަފޫރު އިތުރަށް ވިދާޅުވީ އެ މައްސަލައިގައި އެއްވެސް ކަމެއް ސާބިތެއް ނުކުރެވޭނެ ކަމަށާއި އެއީ ސިޔާސީގޮތުން އެމްޑީޕީ ހަރަކާތްތެރިވެދާނެތީ، ޕްރެޝަރު އުފެއްދުމަށްޓަކައި ކޮށްފައިވާ ކަމެއް ކަމަށެވެ.
އެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މަމްދޫހެވެ.
ކޮމިޓީން މައްސަލަ ބެލުމަށްފަހު، މަޖިލިސް ތަޅުމަށް ފޮނުވި ކޮމިޓީ ރިޕޯޓުގައި، ރައީސް ސޯލިހާއި ފައްޔާޒާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު ސިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ހެކި ލިބިއްޖެ ނަމަ އެބޭފުޅުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްއަށް ދެންނެވުމަށް ވަނީ ހިމަނައިފައެވެ.
އެ ރިޕޯޓުގައި އެބޭފުޅުންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ، ދައުލަތުގެ އިސް މަގާމެއްގައި ތިބެ ގާނޫނުއަސާސީން މަތިކޮށްފައިވާ ވާޖިބުތަކާ ހިލާފަށް ދައުލަތުގެ ފައިސާ އާއި މުދާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ހައްގު ނޫން ފަރާތްތަކަށް ހޯދައިދިނުމަށް ތުހުމަތުކުރެވޭތީ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ދައުލަަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރެވޭ ކަމަށް ވެސް ބުންޏެވެ.
އޭރު އޮތް ސެޓެލްމެންޓް ކޮމިޓީން 2019 އިން 2023 ވަނަ އަހަރާ ހަމައަށް ސޮއިކޮށްފައިވާ ސެޓެލްމެންޓްތަކަކީ އުފެދުމުގައި ވެސް ބާތިލު އެއްބަސްވުންތަކެއް ކަމަށް ކޮމެޓީއަށް ފެންނާތީ، އެ އެއްބަސްވުންތައް ބާތިލުކޮށް ބަދަލުދީފައިވާ ނަމަ އެ އެއްޗެއް އަނބުރާ ދައުލަތަށް ނަގަން ބަންޑާރަނައިބަށާއި ކަމާ ގުޅުން ހުރި އިދާރާތަކަށް އަންގަންވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ.
މާލިއްޔަތު ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ބޭރުން އެއްވެސް ފަރާތަކަށް ބަދަލު ދީފައިވޭތޯ ބަލައި ބަދަލުދީފައިވާ ނަމަ އެ އެއްޗެއް އަނބުރާ ދައުލަތަށް ނަގަން ބަންޑާރަނައިބަށާއި ކަމާ ގުޅުން ހުރި އިދާރާތަކަށް އެންގުމަށްވެސް އެ ރިޕޯޓުގައިވެއެވެ.
ސެޓެލްމަންޓް ކޮމިޓީ މެދުވެރިކޮށް ސޯލިހުގެ ސަރުކާރުގައި، 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު 36 ރަށަކާއި ހަ ފަޅެއް އަދި ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އެކި ފަރާތްތަކަށް ދީފައިވާ ކަމަށް ރިޕޯޓުގައި ވަނީ ތުހުމަތުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު