ރާއްޖޭގައި ކުރިއަށްދާ ދިރާގު އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން 2024 ޓެނިސް މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ރާއްޖޭގެ އާރާ އާސާލް އާޒިމް އަދި ނަޔާރާ އުސާމާ އަލީ ހޯދި އިރު، އަންހެން ސިންގަލްސް ޗެމްޕިއަންކަން އާރާ ހޯދައިފިއެވެ.

އޭޝިއަން ޓެނިސް ފެޑަރޭޝަންގެ ސެންކްޝަންޑް މުބާރާތެއްގެ ގޮތުގައި މިމަހު ނުވަ ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކުރިއަށްދާ ޖޫނިއާ މުބާރާތުގައި ރާއްޖޭގެ އިތުރުން, ކަޒަކިސްތާން, ޗައިނާ, އިންޑިއާ, އިންގްލެންޑް އަދި ބްރެޒިލްގެ ކުޅުންތެރިން ފެނިގެން ދެއެވެ. ޖުމަލަ 30 އަކަށް ޖޫނިއާ ކުޅުންތެރިން ފެނިގެންދާ މުބާރާތުގެ މިހާތަނަށް އައި އިރު، ރާއްޖޭގެ ކުޅުންތެރިން ދަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.

މިއަދު ދެ ފައިނަލެއްގައި ރާއްޖޭގެ އަންހެން ޓެނިސް ކުޅުންތެރިން ވާދަކޮށްފައިވާ އިރު، އަންހެން ސިންގަލްސް ފައިނަލުގައި ވާދަކުރީ ރާއްޖޭގެ ދެ ކުޅުންތެރިން ކަމަށްވާ އާރާއާއި ނަޔާރާއެވެ. އެ މެޗު އާރާ ކާމިޔާބުކުރީ 6-0 އަދި 6-4 ގެ ނަތީޖާއަކުންނެވެ.

ޑަބަލްސް ފައިނަލުގައި އާރާއާއި ނަޔާރާގެ ޕެއާ ވާދަކުރީ ހޮންކޮންގެ އައިޝަތު ކާރިން ސައިޒާން އަދި ހިއު ލޭމް އެއްލާ ވޮންގްގެ ޕެއާއާ ދެކޮޅަށެވެ. އެ މެޗު ވާދަވެރިކޮށް ފެނިގެން ދިޔަ އިރު، ރާއްޖޭގެ ޕެއާއިން މެޗު ކާމިޔާބުކުރީ 6-3 އަދި 6-4 އިން ސެޓުތައް ގެންގޮސްގެންނެވެ.

މުބާރާތުގެ ސިންގަލްސް ފިރިހެން ފައިނަލުގައި އިންޑިއާގެ ހާޝް ޕަޓޭލާއި އިންޑޮނޭޝިއާގެ ޖޮކީމް މީކާ ގުނަވަން ވާދަކޮށް، ޗެމްޕިއަންކަން ހޯދީ މީކާއެވެ. އަދި ފިރިހެން ޑަބަލްސް ފައިނަލުވެސް ކާމިޔާބުކުރީ އިންޑޮނޭޝިއާގެ މީކާ އަދި އޭނާގެ ޕާޓްނާ ރަފާ ޖެކޯނިއާ ވާޑެސްކޯ މަންގުންސޯންގެވެ.