ހައުސިން މިނިސްޓްރީގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 50 މީހަކު އެހީއަށް އެދިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެހީއަށް އެދުނު 50 ފަރާތުގެ ރަޖިސްޓްރޭޝަން މިހާރު ހަދައިފައިވާ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާގައި އެހީއަށް ބޭނުންވާ ފަރާތްތަކަށް ޒަރޫރީ ކަންކަން ފޯރުކޮށްދިނުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި އިވެކުއޭޝަން ސެންޓަރެއް ހަދައިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
"އެހެންނަމަވެސް އާއިލާތައް އެދުމުގެ މަތިން ވަގުތީގޮތުން އެ ފަރާތްތައް ތިމާގެ ގޭގެއަށް ވަނީ ބަދަލުވެފައި،" އެންޑީއެމްއޭ އިން ބުންޏެވެ.
ގެއްލުން ލިބުނު އިމާރަތްތަކުގެ ރެޕިޑް އެސެސްމެންޓު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
"މި ތަންތަނަށް މީހުން ބަދަލުވާން ރައްކާތެރިނަމަ އާއިލާތައް ބަދަލުކުރަން އެހީތެރިކަން ފޯރުކޮށްދޭނެ،" އެންޑީއެމްއޭ އިން ބުންޏެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތައް ސޯޝަލް ސެންޓަރަށް ބަދަލުކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާގައި އެއްވެސް ކަހަލަ އެހީތެރިކަމެއް ބޭނުންވާ ފަރާތެއް ހުރި ނަމަ، ލަސްނުކޮށް 115 އަށް ގުޅުމަށް އެދޭ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު ހަތަރު ގަޑިއިރު ފަހުން ނިއްވާލެވުނުއިރު އެ އިމާރާތް ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ. އަލިފާނުގެ ހާދިސާގެ ސަބަބުން ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އެންވަަޔަރަމަންޓް މިނިސްޓްރީގެ ހިދުމަތްތައް ވަނީ މެދުކެނޑިފައެވެ.
ހައުސިން މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ ފުށުން މައުލޫމާތު ލިބުނު ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ 6:30 ނުވަތަ 6:45 ހާއިރުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު