މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން އެންޑް އިފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީން ދެމުންގެންދާ ހިދުމަތްތައް މެދުކަނޑާލައިފިއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީން ވެސް ހިންގަމުން އަންނަނީ އެ އިމާރާތުގައެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަލިފާނުގެ ހާދިސާގައި އެ މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް އަނިޔާވެފައިނުވާ ކަމަށެވެ.
"ނަމަވެސް މި ހާދިސާގެ ސަބަބުން އިމާރާތަށް ބޮޑެތި ގެއްލުންތައް ލިބިފައިވާތީ، މިވަގުތު މިނިސްޓްރީން ދެމުންދާ އާންމު ހިދުމަތްތައް ވަގުތީގޮތުން މެދުކެނޑިފައިވާކަން ހިތާމަޔާއެކު ދަންނަވަމެވެ. އަދި މި ހިދުމަތްތައް އަލުން ފެށޭނެ ތާރީހެއް ކަނޑައެޅުމަށްފަހު، އެކަން މިނިސްޓްރީން ވަގުތުން އިއުލާންކުރާނެ ވާހަކަ ވެސް ދަންނަވަމެވެ،" ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.
ހިދުމަތްތައް މެދުކެނޑިފައިވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަލިފާނުގެ ހާދިސާގައި އެ މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް އަނިޔާވެފައިނުވާ ކަމަށެވެ. ނަމަވެސް މިނިސްޓްރީގެ ހިދުމަތްތައް މެދުކެނޑިފައިވާ ކަމަށެވެ.
"މި ހާދިސާގެ ސަބަބުން އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، މިވަގުތު މިނިސްޓްރީން ދެމުންދާ އާންމު ހިދުމަތްތައް ވަގުތީގޮތުން މެދުކެނޑިފައިވާކަން ހިތާމަޔާއެކު ދަންނަނަމެވެ،" އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެ މިނިސްޓްރީގެ ހިދުމަތްތައް ވެސް ހުއްޓިފައިވާ ކަމަށެވެ.
"މިނިސްޓްރީ ހިންގާނެ ތަނެއް ވަގުތީ ގޮތުން ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ. އެކަމުގެ މަޝްވަރާތައް އެބަ ކުރިއަށްދޭ. ހިދުމަތްތައް އަލުން ދޭން ފަށާ ތާރީހެއް ފަހުން ހާމަކުރާނެ،" އޮފިޝަލް ވިދާޅުވިއެވެ.
އެމްއެންޑީއެފް ފަޔާ ރެސްކިޔު ޓީމުން އަލިފާންގަނޑު ކޮންޓްރޯލުކޮށްފައިވާ އިރު، ހައުސިން މިނިސްޓްރީ ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ. އަލިފާންގަނޑު ނިއްވާލެވުނީ ރޯވިތާ ހަތަރުގަނޑިއިރު ފަހުންނެވެ. ހައުސިން މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ ފުށުން މައުލޫމާތު ލިބުނު ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 6:30 ނުވަތަ 6:45 ހާއިރުއެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން ގެދޮރުވެރިޔާ ސްކީމްގެ ލިޔުންތަކަށް ވާނެ ގޮތަކާމެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ސްކީމާ ގުޅޭ ހުރިހާ މައުލޫމާތާއި ލިޔުންތަކަކީ އެ މިނިސްޓްރީން ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތުތަކެއް ކަމަށްވާތީ، އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު