ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި އަލިފާން ރޯވި ނަމަވެސް، ގެދޮރުވެރިޔާ ސްކީމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުގެއްލޭނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލްކުރެވިފައެއް ނުވެއެވެ. އެ ހާދިސާގައި ހައުސިން މިނިސްޓްރީގެ ޓިނު އިމާރާތް ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ.
ހައުސިން މިނިސްޓްރީން ދެންމެ ނެރުން ބަޔާނެއްގައި ބުނީ އަލިފާނުގެ ހާދިސާގައި އެ މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން ގެދޮރުވެރިޔާ ސްކީމްގެ ލިޔުންތަކަށް ވާނެ ގޮތަކާމެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ހައުސިން މިނިސްޓްރީގެ ބަޔާނުގައި ބުނީ އެ ސްކީމާ ގުޅޭ ހުރިހާ މައުލޫމާތާއި ލިޔުންތަކަކީ އެ މިނިސްޓްރީން ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތުތަކެއް ކަމަށްވާތީ، އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
މީގެ އިތުރުން ހައުސިން މިނިސްޓްރީން ބުނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު