ރާއްޖޭގައި ކުރިއަށްދާ ދިރާގު އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން 2024 ޓެނިސް މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ޑަބަލްސް ފައިނަލުން ރާއްޖޭގެ އާރާ އާސާލް އާޒިމް އަދި ނަޔާރާ އުސާމާ އަލީ ޖާގަ ހޯދައިފިއެވެ.

އޭޝިއަން ޓެނިސް ފެޑަރޭޝަންގެ ސެންކްޝަންޑް މުބާރާތެއްގެ ގޮތުގައި މިމަހު ނުވަ ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކުރިއަށްދާ ޖޫނިއާ މުބާރާތުގައި ރާއްޖޭގެ އިތުރުން, ކަޒަކިސްތާން, ޗައިނާ, އިންޑިއާ, އިންގްލެންޑް އަދި ބްރެޒިލްގެ ކުޅުންތެރިން ފެނިގެން ދެއެވެ. ޖުމަލަ 30 އަކަށް ޖޫނިއާ ކުޅުންތެރިން ފެނިގެންދާ މުބާރާތުގެ މިހާތަނަށް އައިއިރު، ރާއްޖޭގެ ކުޅުންތެރިން ދަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.

އެގޮތުން ރާއްޖޭގެ ނަޔާރާއާއި އާރާ ވަނީ އަންހެން ސިންގަލްސް ފައިނަލަށްވެސް ދަތުރު ކޮށްފައެވެ. އެއީ އިއްޔެ ކުޅުނު އަންހެން ސިންގަލްސް ސެމީ މެޗުތައް ކާމިޔާބުކޮށްގެންނެވެ. ނަޔާރާ ސެމީގައި ނުކުތީވެސް ރާއްޖޭގެ ލާރާ ޔަޒީލާ ދެކޮޅަށެވެ. އެ މެޗު 6-1، 6-0 އިން ކާމިޔާބުކުރީ ނަޔާރާއެވެ.

އަންހެން ސިންގަލްސް ފައިނަލުގެ އަނެއް ޖާގަ އާރާ ހޯދީ ކަޒަކިސްތާނުގެ އަރުޒާން ބަަޔަލީނާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. އެއީ 6-3 އަދި 6-2 އިންނެވެ.

އަންހެން ޑަބަލްސް ފައިނަލަށް އާރާއާއި ނަޔާރާގެ ޕެއާ ދަތުރުކުރީ ސެމީގައި ކަޒަކިސްތާނުގެ ބަޔަލީނާއާއި ލީވިއާ ހަތީރުގެ ޕެއާ ބަލިކޮށްގެންނެވެ. އެ މެޗުގެ ފުރަތަމަ ސެޓު ކަޒަކިސްތާން ޕެއާއިން 6-2 އިން ގެންދިޔަ އިރު، ދެވަނަ ސެޓު 6-0 އިން ގެންދިޔައީ ރާއްޖޭގެ ޕެއާއިންނެވެ. ފަހު ސެޓު ރާއްޖޭގެ ޕެއާއިން ކާމިޔާބުކުރީ 10-7 އިންނެވެ.

އޭގެ އިތުރުން އިއްޔެ ރާއްޖޭގެ ދާއޫދު ޝަހީބު ފިރިހެން ސިންގަލްސް ސެމީގައި ވާދަކޮށްފައިވާ އިރު، އޭނާ ބަލިވީ އިންޑޮނޭޝިއާގެ ޔޮކީމް މީކާ ގުނަވަން އަތުންނެވެ. އަދި ފިރިހެން ޑަބަލްސް ސެމީގައި މުހައްމަދު ނޫހު ނާޒިހާއި ޝަހީބުގެ ޕެއާ ވާދަކޮށް ބަލިވީވެސް އިންޑޮނޭޝިއާގެ ޕެއާއެއް ކަމަށްވާ މީކާ އަދި ރަފާ ޖެކޯނިާ ވާޑަސްކޯ މަންގުސޮން އަތުންނެވެ.

އަންހެން ދެވަނަ ސެމީގައި ރާއްޖޭގެ ނީމް އަހުމަދު ސަލީމާއި ލާރާ ޔަޒީލް، އައިޝަތު ކާރިން ސައިޒާން އަދި ހިއު ލާމް އެއްލާ ވޮންގާ ވާދަކޮށްވެސް ވަނީ ބަލިވެފައެވެ.

ދިރާގު އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން 2024 ޓެނިސް މުބާރާތުގައި އާރާއާއި ނަޔާރާ ވާދަކުރާ ސިންގަލްސް ފައިނަލާއި އެ ޕެއާގެ ސެމީ ފައިނަލް މެޗުވެސް މިއަދު އޮންނާނެއެވެ.