އަންނަ ރަމަޟާން މަހަށް ވެސް ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު އަލީ ޝަހީމް، މިރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ރަމަޟާން މަހަށް ދޭ 50 ޓަނުގެ ކަދުރު ރާއްޖެ އަތުވެއްޖެ ކަމަށެވެ.

"މިނިސްޓްރީއަށް މިހާރު ވަނީ ލިބިފަ. ރޯދަ މަހުގެ ކުރިން އިންޝާ ﷲ ކަދުރު ބަހައި ނިންމާނެ. މިފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްތާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ. އެގޮތުން ފާއިތުވި ތިން އަހަރުވެސް ސައުދީން 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.

މީގެ ކުރިން ކަދުރު ފުރަތަމަ ބަހާފައިވަނީ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށެވެ. އެއަށްފަހު ބަލައިދާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ދޫކުރިއެވެ.

ނަމަވެސް އަންނަ ރޯދައަށް ކަދުރު ބެހުމަށް ނިންމާފައިވަނީ ކޮން އުސޫލެއްގެ ދަށުން ކަމެއް އަދި ކަދުރު ބަހަން ފަށާނީ ކޮންއިރަކު ކަމެއް މިހާތަނަށް ހާމައެއް ނުކުރެއެވެ.