ލަންކާގައި ގޮތްނޭނގޭ ހުމެއް ފެތުރެން ފަށާފައިވާކަމަށާއި މިހާތަނަށް 5 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލަންކާގެ ހެލްތު މިނިސްޓްރީގެ އެޕިޑެމިއޮލޮޖީ ޔުނިޓުގެ ފަރާތުން ބުނެފައިވާ ގޮތުގައި މި ހުން ފެތުރެމުން ދަނީ އެ ގައުމުގެ ޖަފްނާ ސަރަހައްދުގައެވެ.

ސިއްހީ އިދާރާތަކުން ގުޅިގެން މި ހުމުގެ މައުލޫމާތު ހޯދުމަށް ތަހުގީގު ފަށާފައިވާއިރު މިހާތަނަށް ހެދި ޓެސްޓުތަކުން އެއީ މީދަލުގެ ޒަރިއްޔާއިން ފެތުރޭ ހުމެއް ކަމަށް ބެލެވޭ ''ލެޕްޓޮސްޕިރޯސިސް'' ކަމަށް ސިއްހީ އޮފިޝަލުން ބުނެއެވެ.

ޖަފްނާގައި ހަރަކާތްތެރިވަމުން އަންނަ ހާއްސަ ސިއްހީ ޓީމަކުން މިހާރު އަންނަނީ މި ހުން ޖެހިފައިވާ މީހުން ދެނެގަނެ އެމީހުންގެ ހަށިގަނޑުން ސާމްޕަލް ނަގައި އިތުރު ޓެސްޓުތައް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އޮފިޝަލުން ބުނެއެވެ.

ބަލި ފެތުރޭކަމަށް ބެލެވޭ ސަރަހައްދަށް ބޭހާއި ސިއްހީ ފަރުވާދޭ އާލާތްތައް ފޮނުވުމުގެ މަސައްކަތް ލަންކާގެ ސިއްހީ ވުޒާރާއިން ކުރަމުން ކަމަށް އޮފިޝަލުން ބުނެއެވެ.