ސައިބާ އެކްސްޕޯ 2024 ގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން މޯލްޑިވްސް ޕޮލިސް ސާވިސްއާއެކު ސޮއިކޮށްފިއެވެ.

މިއަދު ފަށާ މި އެކްސްޕޯ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަކަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެއެވެ.

މި އެކްސްޕޯއަކީ ރާއްޖޭގެ ސައިބާ ސެކިއުރިޓީ މާހައުލު ހަރުދަނާކޮށް، އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ޝައުގުވެރިވާ ފަރާތްތަކުގެ އިތުރުން އާންމުން އެއްތަނަކަށް އެއްވެ، އެންމެ ފަހުގެ ސައިބާ ސެކިއުރިޓީ ޑިވެލޮޕްމަންޓްތަކާއި ހައްލުތައް ދެނެގަތުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ އެކްސްޕޯއެވެ.

މި އެކްސްޕޯގައި ސްޓޯލް ހަރަކާތްތަކުގެ އިތުރުން ކީނޯޓް ސްޕީޗްތަކާއި ޕެނަލް ޑިސްކަޝަންތަކުގެ އިތުރުން ޓެކްނޮލޮޖީގެ މައްޗަށް ބިނާކޮށް ގިނަ ގޮންޖެހުންތަކާއި ގްރޭންޑް އިނާމުތަކާއެކު ހިތްގައިމު ކެޕްޗާ ދަ ފްލެގް (ސީޓީއެފް) މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގުން ބުނި ގޮތުގައި ސައިބާ ސެކިއުރިޓީއަށް ހޭލުންތެރިކަން އިތުރުކުރުމާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ކުރިއެރުވުމަކީ އެ ކުންފުނިން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭ ދާއިރާއެވެ.

ދިރާގުން ބުނި ގޮތުގައި މި އެކްސްޕޯގެ ދެވަނަ ދުވަހު ދިރާގު ހެޑް އޮފް ސައިބާ ސެކިއުރިޓީ އިސްމާއިލް ފާއިޒް ކީނޯޓް ސްޕީޗް ދެއްވާނެއެވެ. އޭނާ ސްޕީޗް ދެއްވާނީ އެ ކުންފުނީގެ އެންމެ ފަހުގެ އޯލް އިން ވަން އޮންލައިން ސޭފްޓީ ސޮލިއުޝަންގެ މައްޗަށް އަލިއަޅުވާލައި "ދިރާގު ނެޓްޕްރޮޓެކްޓް: ސޭފްގާޑް ޔޯ ޗައިލްޑްސް އޮންލައިން ވޯލްޑް" މި މައުލޫއަށް ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން ސައިބާ އެކްސްޕޯގައި ދިރާގުގެ ހާއްސަ ސްޓޯލެއް ވެސް ހުންނާނެ ކަމަށާއި އެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތަކާއި ސައިބާ ސެކިއުރިޓީ ސޮލިއުޝަންތަކާއި ބީޓޫބީގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.