ނޮވެންބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ ފާއިތުވި އަހަރުގެ ނޮވެންބަރާ އަޅައި ބަލާއިރު، 13.2 ޕަސަންޓު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން ކޮންމެ މަހަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ އާމްދަނީގެ ރިޕޯޓުގައި ބަޔާންކުރި ގޮތުން މީރާއަށް ފާއިތުވި ނޮވެންބަރުގައި 1.89 ބިލިއަން ރުފިޔާ ލިބުނު އިރު، ޑޮލަރުން އާމްދަނީގެ ގޮތުގައި ނޮވެންބަރު 88.17 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 13.2 ޕަސަންޓު އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 19.7 ޕަސަންޓު އިތުރު އަދަދެކެވެ.

ނޮވެމްބަރު 2023 ގައި ލިބުނު އާމްދަނީއާ އަޅައި ބަލާއިރު، ނޮވެމްބަރު 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، މި އަހަރު ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި އާމްދަނީ ލިބިފައިވާތީ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެގޮތުން ރިސޯޓު ހެދުމަށް ދޫކުރި ރަށްތަކުގެ އެކުއިޒިޝަން ކޯސްޓު އަދި ކޮންވާޝަން ފީގެ ގޮތުގައި ނޮވެންބަރު މަހު 171.6 މިލިއަން ރުފިޔާ ލިބުނެވެ. އަދި ލީސް އެކްސްޓެންޝަން ފީ ނުވަތަ ރިސޯޓުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 76.6 މިލިއަން ރުފިޔާ ލިބުނެވެ.

ނޮވެންބަރު މަހުގެ އާމްދަނީއާ އެކު ޖުމްލަ މި އަހަރު ލިބުނު އާމްދަނީ ވަނީ 32.2 ބިލިއަން ރުފިޔާއަށް އަރައިފަައެވެ.