މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވަން ސަރުކާރުން ރާވާފައިވާ މަޝްރޫއުތަކަށް ބޭނުންވާ ހުރިހާ ފައިސާ ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސްވެރިކަމުގެ ސިޔާސަތުތަކަކީ މަސްވެރި ސިނާއަތަށް ޖުމުލަ ހައްލު ހޯދައިދޭނެ ސިޔާސަތުތަކެއް ކަމަށެވެ.

ހައްލު ގެންނަން ހުރި ކަންކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ އެއްގަމުގައި ހުރި ސްޓޯރޭޖް ކެޕޭސިޓީ އަކީ 4200 ޓަނު ކަމަށާއި އެ އަދަދަކީ އެންމެ އެކަށީގެންވާ އަދަދު ނޫން ކަމަށެވެ. ސްޓޯރޭޖް އިތުރު ކުރުމުގެ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އަދި މިވަގުތު މަސައްކަތްތައް ފެށިފައި މިހުރީ، އޭގެ ތެރެއިން ބައެއް މަސައްކަތްތައް ފެށިފައި އަނެއްބައި މަސައްކަތްތަކަށް ފައިސާ ހަމަޖެހިފަ މިހުރީ. އަނެއްހެން ދަންނަވާ ނަމަ އަޅުގަނޑުމެން މަސްވެރިކަމުގެ ސިނާއަތުގައި ކުރަން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ފައިސާ އަޅުގަނޑުމެން ސެކިއޯ ކޮށްފިން، ކުރިއަށް އޮތް ދޮޅު އަހަރާއި ދެ އަހަރާ ދޭތެރޭ މިތަންތަނުން ހިދުމަތް ލިބޭނެ ކަމަށް އަޅުގަނޑުމެން މި ޔަގީން ކުރަނީ،" ޝިޔާމް ވިދާޅުވިއެވެ.

އޭގެ ސަބަބުން މިހާރު އެއްގަމާއި ކަނޑުމަތީގެ ބޯޓުތަކުގައި ހުރި 8،500 ޓަނުގެ ސްޓޯރޭޖް، 25000 ޓަނަށް އިތުރުވެގެންދާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންނަށް ރަނގަޅު ގޮތް އޮތީ މަސްވެރިކަމުގެ ސިނާއަތް ރަނގަޅުވެގެން ކަމަށާއި މަސްވެރިކަމުގެ ސިނާއަތް ރަނގަޅު ކުރުމަށްޓަކައި ވަރަށް ބޮޑެތި ނިންމުތަކެއް ނިންމައި ވަރަށް ބޮޑެތި ހޭދަތަކެއް ކުރަން ޖެހޭ ކަމަށެވެ.

"މުޅި މަސްވެރި ސިނާއަތް ރައީސުލްޖުމްހޫރިއްޔާ ހައްލު ކުރައްވަން އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތު ނިމޭއިރު ގާތްގަނޑަކަށް އިންވެސްޓްކުރަން އެބަ ޖެހޭ ފަސް ބިލިއަނެއްހާ ރުފިޔާ. ކޮންމެހެން ނުޖެހޭ ދައުލަތުން އެހުރިހާ އެއްޗަކަށް އިންވެސްޓް ކުރާކަށް. ޕްރައިވެޓް ޕާޓީސްތަކާއި އެހެން ބޭންކުތަކާ، މި ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާ އެކީގައި މިކަންކަން އެބައޮތް ކުރެވެން. ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ރަނގަޅު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އަޅުގަނޑުމެން ހޯދަން ޖެހޭ ހުރިހާ ފައިސާއެއް ރައީސުލްޖުމްހޫރިއްޔާ އެހުރީ ހޯއްދަވާފައި. ދެން އޮތީ ތަންފީޒު ކުރުން،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ރަނގަޅު ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން މަސްވެރިންނަށް އަވަހަށް ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސަތުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. އެކަން މިއަދު ހާސިލުވެގެން ގޮސްފައިވާ ކަމަށާއި އެގޮތުން މިހާރު މިފްކޯގެ އާމްދަނީން އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ މަސްވެރިން ކިރާފައިވާ މަހަށް ފައިސާ ދިނުން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.