ކަރަންޓު ބިލުތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މައާފުކޮށްދޭ މުއްދަތު ހަމަވާން ގާތްވެއްޖެއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، މިއަހަރުގެ އޭޕްރިލް 1 އިން މިއަހަރުގެ ނިޔަލަށް ހަދާފައިވާ ކަރަންޓު ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާ ހުރި ބިލުތަކަށް ޖޫރިމަނާ މައާފުކުރެވޭނެ ކަމަށެވެ. އޭގެ ކުރިން ބިލު ދައްކާ ފަރާތްތަކަށް ޖޫރިމަނާއާ ނުލައި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
އެ ލުއި ދިނުމަށް ނިންމާފައިވަނީ ހަމައެކަނި އާންމު ދިރިއުޅުމަށް ބޭނުންކުރާ ހިދުމަތުގެ (ޑޮމެސްޓިކް ކަސްޓަމަރުން)ގެ ބިލުތަކަށް ކަމަށާއި ޖޫރިމަނާ މައާފުކުރެވޭނީ މިއަހަރުގެ ނިޔަލަށް ޖޫރިމަނާއާ ނުލައި ބިލުގެ ބާކީ އަދަދު ދެއްކުމުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ، އެ ތާރީހުގެ ނިޔަލަށް ޔޫސޭޖް އަދަދު ދައްކައި ނުނިމޭ ނަމަ، ހަމޖެހިފައިވާ ގޮތަށް ޖޫރިމަނާ އަދަދު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަލުން ބިލުތަކުގައި ހިމެނޭނެ ކަމަށެވެ.
އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ނަމަ، ސްޓެލްކޯގެ ހޮޓްލައިން 1545 އަށް ގުޅާލުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ޖޫރިމަނާ ފައިސާ މައާފުކޮށްދިނުމުގެ އިތުރުން އޭރު ރައީސް ވަނީ މިދިޔަ ރޯދަމަހު ކަރަންޓާއި ފެން ބިލުތަކުން ޑިސްކައުންޓު ދިނުމަށް ވެސް ނިންމަވައިފައެވެ. ރައީސް ވަނީ އއ. މަތިވެރީގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ޖަލްސާގައި އަންނަ ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުތަކުން ޑިސްކައުންޓު ދެއްވާނެކަން އިއުލާންކުރައްވައިފައެވެ.
ރައީސް ވިދާޅުވެފައިވަނީ މިދިޔަ ރޯދަމަހު ކަރަންޓު ބިލުންނާއި ފެން ބިލުން ޖުމުލަ 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު