ލިވަޕޫލްގެ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާއަށް ލިބުނު އަނިޔާއިން ރަނގަޅުވެ، އެނބުރި ޓީމާ ގުޅިއްޖެއެވެ.
އުމުރުން 32 އަހަރުގެ އެލިސަންއަކީ ލިވަޕޫލްގެ އެއް ނަމްބަރު ގޯލްކީޕަރެވެ. އޭނާއަށް އަނިޔާވެފައި ވަނީ ލިވަޕޫލުން އޮކްޓޯބަރު މަހު ފަސްވަނަ ދުވަހު ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅެ، 1-0 އިން މޮޅުވި މެޗުގައެވެ.
އޭގެފަހުން އެލިސަންއަށް 11 މެޗު ގެއްލިފައިވާ އިރު، އޭނާ ނެތްތަން ފޫބައްދަމުން ގޮސްފައިވަނީ އެޓީމުގެ ބަދަލު ގޯލްކީޕަރު ކައޮއިމްހިން ކެލެހާއެވެ. އެލިސަން ނެތްތަން ފޫބައްދަން ކެލެހާ ރަނގަޅު މަސައްކަތެއް ކޮށްފައިވާ އިރު، 11 މެޗުގެ ތެރެއިން ފަސް މެޗުގައި ކްލީންޝީޓް ދަމަހައްޓާފައިވެއެވެ.
އެ ފަސް މެޗުގެ ތެރޭގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުތައްވެސް ހިމެނެއެވެ. އެ މެޗުތަކުގައި ކެލެހާގެ ކުޅުމަށް ތައުރީފު އަމާޒުވެފައިވީ ނަމަވެސް، އެންމެފަހުން ލީގުގައި ނިއުކާސަލްއާ ދެކޮޅަށް އެއްވަރުވި މެޗުގައި އޭނާގެ ގޯހެއް ފެނިގެން ދިޔައެވެ.
އެލިސަން އަނިޔާއިން އެނބުރި އައިސްފައިވާ ކަމަށް ކޯޗު އާނޭ ސްލޮޓްވެސް ބުނެފައިވާ އިރު، ލިވަޕޫލުން މި ހަފުތާ ތެރޭގައި ކުޅޭ ޗެމްޕިއަންސް ލީގު މެޗުގައި ޖިރޯނާއާ ދެކޮޅާށް އޭނާ ފެންނާނެ ކަމަށް ބެލެވެއެވެ.
ސްލޮޓް ބުނީ އެލިސަންގެ އިތުރުން ޑިއޭގޯ ޖޮޓާވެސް އަނިޔާއިން ރަނގަޅުވެ އެނބުރި އައިސްފައިވާ ކަމަށާއި، ސްޕެއިނަށް ދަތުރުކުރާ ސްކޮޑުގައިވެސް ދެ ކުޅުންތެރިން ހިމެނޭ ކަމަށެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް