ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޮލްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ރައީސް ޔޫން ސުކްގެ ޕާސްޕޯޓު ހިފަހައްޓައި ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށްފައިވަނީ ގާނޫނު ބަދަލުކުރަން ކުރި މަސައްކަތުގެ ސަބަބުން އެކަން ބެލުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ކުރަމުން އަންނަ ތަހުގީގުގެ ބޭނުމަށް ކަމަށް އޮފިޝަލުން ބުނެއެވެ.

ރައީސް ޔޫން ވަނީ މިދިޔަ ހޮނިހިރު ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ރައީސް މަގާމުން ދުރުކުރުމަށް ނެގި ވޯޓުން ސަލާމަތްވެވަޑައިގެންފައެވެ.

ރައީސް ޔޫންގެ އަމިއްލަފުޅު ޕާޓީން ވެސް ދެކޮޅަށް ތެދުވެފައިވާއިރު އެޕާޓީން ވަނީ ގައުމު ސަލާމަތްކުރުމަށް ރައީސް ސަސްޕެންޑު ކުރަން ޖެހޭކަމަށްވެސް ބުނެފައެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ދެކުނު ކޮރެއާގެ ގާނޫނަށް ބަދަލު ގެނައުމަށް ރައީސް ޔޫން ނިންމަވައި އެ ގައުމުގެ ވެރިކަން މިލިޓަރީ އަށް ބަދަލުކުރުމާއެކު ގާނޫނު ހަދާ މަޖިލީހުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި ރައީސްގެ ނިންމެވުން ބާތިލުކޮށްފައެވެ.

ރައީސްގެ ނިންމެވުން ބާތިލުކުރަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިޔަށް ދިޔަ ބައްދަލުވުން ހުއްޓުވުމަށް މިލިޓަރީ ނެރެފައި ވީނަމަވެސް މިލިޓަރީ ދިއުމުގެ ކުރިން އިދިކޮޅުން ވަނީ އެ މައްސަލަ ކުއްލިގޮތަކަށް ނިންމައި ބާތިލުކޮށްފައެވެ.

ރައީސް ޔޫން ނިންމެވި ނިންމެވުމުގެ ސަބަބުން މުޅި ދެކުނު ކޮރެއާ ހަލަބޮލިވެ އާންމުން މަގުތަކަށް ނިކުމެ މުޒާހަރާތައް ކުރަން ފަށާފައިވާއިރު ހޮނިހިރު ދުވަހު ރައީސް ޔޫން ވަނީ ކުރިން ނިންމެވި ނިންމެވުމާ މެދު މައާފަށް އެދިވަޑައިގެންފައެވެ.