އިހަށް ދުވަހާ ޖެހެންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮތް މިނިވަންކަން މިއަދު އޮތްކަމަށް ނުދެންނެވޭނެ ކަަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، އޮޑިޓް އޮފީހުގެ މަސައްކަތްތަކާ ބެހޭގޮތުން މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖޭން ކޮރަޕްޝަން ހުއްޓުވުމަށް ހުރި ކޮންޖެހުންތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވީ، ގައުމުގެ ކަންތައްތައް ރަނގަޅުކުރުމުގެ ވިސްނުމާއި ނިޔަތް އޮވެއްޖެއްޔާ ޖެހޭނީ މިނިވަން އޮޑިޓަރެއް ބެހެއްޓުމަށް ކަމަށެވެ.
އެހެންނޫނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއެއް އޮންނަ ސަރުކާރުގެ ކަންތައްްތަކުގެ ތެރެއަށް ވަދެ، މަސައްކަތްކުރުމަށް އޮޑިޓާ ޖެެނެރަލް ބިރު ގަންނާނެ ކަަމަށް ގާސިމް ވިދާޅުވިއެވެ.
"މިނިވަން އޮޑިޓަރެކޭ ބުންޏަސް، ބިރުގަނޭ އެބޭފުޅުން ސަރުކާރުގެ މެޖޯރޮޓީ އޮންނަ ޕާލަމެންޓެއް ކަަމަށްވަންޏާ. އޭރުގައި ހިނގާ ސަރުކާރުގެ ތެރެއަށް ވަދެ ގަނެގެން އެކަމެއް ކުރަން، ރައީސް އޮފީހުގެ ފަރާތުން އެ ކޮށްދޭން ނޭދެންޏާ، އެއީ އިންސާނުން ކަަމަށްވާތީ އެކަން ހިނގާނެގޮތް،" އޭނާ ވިދާޅުވިއެވެ.
އޮޑިޓަރުންނަށް އެކި ގޮތްގޮތަށް ނުފޫޒު ފޯރުވުމާއި، ބިރު ދެއްކުމާއި، މަޖިލީހަށް ހުށަހަޅައިގެން އެބޭފުޅުން ވަކި ކުރެވޭގޮތަށް އޮތްކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އެގޮތަށް ފިޔަވަޅު ނޭޅޭނެ ބަޔަކަށް އިހަށް ދުވަހާ ހަމައަށް ތިބީ މަޖިލިސް މެންބަރުން ކަމަށެވެ.
"އެގޮތަށް ފިޔަވަޅެއް ނޭޅޭނެ ބަޔަކަށް ތިބީ މަޖިލިސް މެންބަރުން، މިއަދު ތިބޭފުޅުންގެ ވާހަކަ އަޅުގަނޑު ދައްކާކަށް ބޭނުމެއް ނޫން، ނަަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިހަށް ދުވަހާ ޖެހެންދެން ތިބީ މިނިވަންކޮށްނޭ އަޅުގަނޑު ދަންނަވާނީ، އެހެންނަމަވެސް މިއަދު އެ މިނިވަންކަން އޮތެކޭ އަޅުގަނޑަށް ދަންނެވޭކަށް ނެތް،" އޭނާ ވިދާޅުވިއެވެ.
ގާސިމް މިގޮތަށް ވާހަކަ ދައްކަވާފައި މިވަނީ، ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމާ ގުޅިގެންނެވެ.
ގާނޫނުއަސާސީއަށް އެ އިސްލާހު ގެންނަން މަޖިލީހުން ފާސްކޮށްފައި ވަނީ، މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު