އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ ކޮންމެ އަތޮޅެއްގެވެސް ކޮންމެވެސް އެއް ރަށަކުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބުމުގެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ވައުދު މިއަންނަ އަހަރުގެ ނިޔަލަށް ފުއްދައި ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ކ. އަތޮޅަށް މިހާރު ކުރައްވަމުންދ ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ގާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މަސްވެރިންނަށް ތެޔޮ ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން މިދިޔަ މަހުގެ ތެރޭގައި ވަނީ ޕްރޮގްރާމެއް އިފްތިތާހުކޮށްފައި ކަމަށެވެ. އެއީ އެސްޓީއޯ ރޭޓުގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ކޮންމެވެސް އެއް ރަށަކުން ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ ޕްރޮގްރާމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ ވައުދަކީ މިއަންނަ އަހަރުގެ ތެރެއަށް ބަހާލެވިގެން ކޮންމެ މަހަކުވެސް ކޮންމެވެސް އަތޮޅެއްގަ އެސްޓީއޯގެ ސްޓޭޝަން ހެދި އެތަނުން ހިދުމަތް ދޭން ފެށޭނީ. އެހެންވީމާ އެގޮތަށް ގޮސް 2025 ނިމޭއިރު މުޅިރާއްޖޭގަ ހަމަ ވައުދުވީ ގޮތަށް ކޮންމެ އަތޮޅެއްގަ އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ" ރައީސް ވިދާޅުވިއެވެ.
މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެގޮތުން މާދަމާއިން ފެށިގެން އެސްޓީއޯގެ ނުވަތަ ފިޔުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ ސައިޓުތަކުން މި ދަންނަވާ ހަތަރު ސައިޓުން އެސްޓީއޯ ރޭޓުގަ މަސްވެރިންނަށް ތެޔޮ ލިބޭނެ މި ދަންނަވާ ތާވަލްގެ ކުރިންވެސް. މާދަމާއިން ފެށިގެން ހިންމަފުށި، ކޫއްޑޫ، ފެލިވަރު އަދި އައްޑޫ ސިޓީ، ހުޅުމީދޫ. މި ހަތަރު ރަށުން އެސްޓީއޯ ނޫނީ ފިޔުލް ސަޕްލައި މޯލްޑިވްސްގެ ސައިޓުތަކުން މާދަމާއިން ފެށިގެން އެސްޓީއޯ ރޭޓުގަ ތެޔޮ ލިބޭނެ މަސްވެރިންނަށް" ރައީސް ވިދާޅުވިއެވެ.
އަދި ކޫއްޑޫއާއި ފެލިވަރުގައި ހުރި މިފްކޯގެ އުޅަނދުތަކުން ވެސް އެސްޓީއޯ ރޭޓުން ތެޔޮ ވިއްކުމަށް ކުރަން ޖެހޭ ކަންކަން އެސްޓީއޯއިން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު