ގާނޫނުއަސާސީއަށް އިސްލާހު ގެންނެވީ ރައްޔިތުންގެ ދިފާއުގައި ކަމަށާއި އެ އިސްލާހުތަކާއެކު މިހާރު ރައްޔިތުންނަށް ހަގީގީ ބާރުވެރިކަން ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ތަފްސީލުތައް ދެއްވަމުން، އއ. މަތިވެރީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ސަރަހައްދާ ބެހޭ މާއްދާއަށް ގެނައި އިސްލާހާއި، ބޭރުގެ އެއްވެސް ފަރާތަކުން ރާއްޖޭގައި އަސްކަރީ ބޭނުމަށް ތިބުމާ ބެހޭގޮތުން ގާނޫނުއަސާސީގައި އޮންނަ މާއްދާތައް އިސްލާހުކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މާއްދާއާ ބެހޭ އިސްލާހާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމާ ބެހޭ ގޮތަށް އޮންނަ މާއްދާއަށް ގެނައި އިސްލާހު، އަދި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ބަޔާންކޮށްފައިވާ މާއްދާތަކަށް ގެނައި އިސްލާހުން ރައްޔިތުންނަށް ބާރުވެރިކަން ލިބިގެންދާނެ ކަމަށެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ކުރިން ރާއްޖޭގެ ސަރަހައްދު ކަނޑައަޅަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން އެކަނި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން ކަނޑައަޅަން އޮންނަނީ ރާއްޖޭގެ ސަރަހައްދީ ކަނޑު، 12 ނޯޓިކަލް މޭލާ ހަމައަށް އެކަނި ކަމަށެވެ. ނަމަވެސް މިހާރު ގާނޫނުއަސާސީގައި ހާއްސަ އިގުތިސާދީ ސަރަހައްދުގެ ވާހަކަ ވެސް ލިޔެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ހާއްސަ އިގުތިސާދީ ސަރަހައްދަށް ވެސް ބަދަލެއް ގެނެވޭނީ ވެސް ރައްޔިތުންގެ ވޯޓެއް، ރައްޔިތުންގެ މަޖިލީހުގެ ވޯޓަކާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންކަން. މިއީ ވަރަށް މުހިންމު ކަމެއް. މިއޮތްހާ ދުވަހު ރާއްޖޭގެ މިއޮތް ބޮޑު އިގުތިސާދީ ސަރަހައްދު ބަދަލުކުރުމުގައި ނުޖެހޭ ރައްޔިތުންގެ އެއްވެސް ސޭ އެއް އަހާކަށް، އެއްވެސް ވަރަކަށް ރައްޔިތުން ކައިރީގައި އަހާކަށް ނުޖެހޭ. ކުރީގައި ވިއްޔާ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ވޯޓަކުން ރާއްޖޭގެ ސަރަހައްދު، މި ދެންނެވި 12 ނޯޓިކަލް މޭލުގެ ސަރަހައްދު ބަދަލުކޮށްލެވޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ރާއްޖޭގެ ސަރަހައްދަށް އެންމެ އަކަ އިންޗިއެއް ވެސް ބަދަލުކުރެވޭނީ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ކަމަށާއި އޭގެ އިތުރަށް ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނެ ކަމަށެވެ. އަދި ހަމައެކަނި މެންބަރުންނަކަށް މިހާރު ރާއްޖޭގެ ސަރަހައްދެއް ބަދަލެއް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"ރައްޔިތުން ގާތަށް ގޮސް، 50 އިންސައްތައަށްވުރެ އިތުރަށް އެއް ރައްޔިތަކު، އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ވޯޓަށް ބަލާ ނަމަ، އެއީ 143،332 ރައްޔިތުން ތިމަންނަމެންނަށް އެންމެ ރަނގަޅޭ ރާއްޖޭގެ ސަރަހައްދަށް ބަދަލު ގެނެޔަސް. އެ ދެ މަރުހަލާ ކަނޑައްތުކޮށްގެން ނޫނިއްޔާ މިހާރު ރާއްޖޭގެ ސަރަހައްދީ ކަނޑުވިޔަސް، ރާއްޖޭގެ އީއީޒެޑް އެއްވެސް ބަދަލެއް ނުކުރެވޭނެ. އެހެންވީމާ ކުރިންތޯ މިހާރުތޯ ރައްޔިތުންގެ ބާރުވެރިކަން ދިފާއު މިކުރެވުނީ. މިހާރު ރައްޔިތުންގެ އަތްމައްޗަށް މިއޮތީ އައިސްފައި ނޫންތޯ ހަގީގީ ބާރު،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާ ގުޅޭ އިސްލާހާ ގުޅޭގޮތުން ރައީސް ވިދާޅުވީ ކުރިން އޮންނަ ގޮތުން ވެއްޖެއްޔާ އަސްކަރީ ބޭނުމަކަށް ރާއްޖޭގައި ބޭރުގެ ސިފައިން ތިބެވޭނީ މަޖިލީހުގެ އަގުލަބިއްޔަތުން ކަމަށާއި މިދިޔަ ސަރުކާރުން އަދި އޭގެ ކުރިން ވެސް ފެނިގެންދިޔައީ އޭގެ ނާޖާއިޒު ފައިދާ ނެގިތަން ކަމަށެވެ. އަދި 2011 އިން ފެށިގެން ރާއްޖޭގައި ބޭރުގެ ސިފައިން ތިބީ މަޖިލީހުގެ ރުހުން ހޯދުމެއް ނެތި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މިހާރު ގާނޫނުއަސާސީއަށް މި ގެނައި އިސްލާހުގެ ނަތީޖާއަކަށްވަނީ އެންމެ ބޭރު ސިފައިންގެ މީހެއް ވެސް، އެންމެ އަސްކަރީ ބޫޓަކަށް ވެސް ރާއްޖޭގައި ހަރަކާތްތެރިވެވޭނީ މަޖިލީހުން އަގުލަބިއްޔަތު ހޯދައިގެންކަން. މިހާރު އެންމެ ބޭރު ސިފައިންގެ މީހަކަށް ވެސް އޮޕަރޭޓުކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށްގެން. އެހެންވީމާ ކުރީގައިތޯ މިހާރުތޯ، ކޮންގޮތެއްތޯ ރައްޔިތުންގެ ބާރުވެރިކަން ޔަގީންވެގެން މިދަނީ އަސްކަރީ ސިފައިން މިތަނުގައި ތިބުމާ ބެހޭގޮތުން ވެސް،" އެ މަނިކުފާނު ވިދާޅުވިއެވެ.
އިދިކޮޅުން އެންމެ ބޮޑަށް ދެކޮޅު ހެދި އިސްލާހާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުވަނީ ސޯޝަލް ކޮންޓްރެކްޓެއް ނުވަތަ އަހުދެއް ވެގެން ކަމަށާއި ރައްޔިތުން އެ ބޭފުޅަކަށް ވޯޓު ދެނީ، އެބޭފުޅެއް އެ ހުރި ސިޔާސީ އެލައިންމަންޓަށް ބަލާފައި ކަމަށެވެ.
"ކޮންމެވެސް ޕާޓީއަކުން އައީމާ، ނޫނީ މިނިވަންކޮށް ހުރީމަ. ދެން އެއަށްފަހު އޭނާ ކޮންމެވެސް ސަބަބަކާ ދިމާވެގެން ކޮންމެވެސް ކަހަލަ ގޮތަކުން ބަދަލުވަނީ، އެއްކަލަ ބޮންޑު ބްރޭކްކުރަނީ. އޭނާ ހޮވި ގޮތް ބަދަލުކުރަނީ. ރައްޔިތުން އޭނާ ހޮވީ ކޮންމެވެސް ޕާޓީއަކުން އައީމާ، ނޫނީ އަމިއްލައަށް އައީމަ. އެހެންނަމަވެސް އެކަން ދޫކޮށްލީމާ، ކޮބައިތޯ ރައްޔިތުންގެ ހައްގު، އޭނާއަށް ވޯޓުލީ މީހުންގެ ބާރު. އެހެންވީމާ އެކަން މި ހިމާޔަތްކުރަނީ. އެމީހުންނަށް ވޯޓުލީ މީހުންނަށް އަނބުރާ ބާރު ދެނީ. އެކަން ގާނޫނަކުން، ގާނޫނަކުން އެކަން ކުރެވޭނެ ގޮތް ތަފްސީލުކޮށް ބަޔާންކުރާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހެއް މި ގެނައީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމާ ގުޅޭ މާއްދާއަށް އިސްލާހު ގެނައުމުގެ ކުރިން، އެ މާއްދާއަށް ބަދަލު ގެނައުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮންނަ ކަމަށާއި ނަމަވެސް އެ މާއްދާއަށް ގެނައި އިސްލާހާއެކު މިހާރު އެ މާއްދާ ބަދަލުކުރެވޭނީ ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ކަމަށެވެ. އަދި އެހެންކަމުން މިހާރު އިތުރު ލޭޔަރެއް ލައި، ރައްޔިތުންނަށް ބާރުވެރިކަން ދެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު