އަޒުމަކަށް ވާންވީ އެއް ރޫހެއްގައި ގައުމީ ވިސްނުމެއްގައި މަސައްކަތްކޮށް، ޒިންމާދާރު ދަރިންތަކެއް ބިނާކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ސްކޫލުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެ ސްކޫލުން ފެނިގެންދަނީ ގައުމުގެ މުސްތަގުބަލުގެ ވަރަށް ރަނގަޅު ބިންގަލެއް އެޅިގެންދާ ތަން ކަމަށާއި ރަނގަޅު ބިންގަލެއްގައި ކުދިން ބިނާކުރެވިގެންދާ ތަން ފެނިގެންދިއުމުން އިތުރު ހިތްވަރެއް ލިބޭ ކަމަށެވެ.

"އެހެންވީމާ، އަޅުގަނޑުމެން އެންމެން އެކުގައި ރާއްޖޭގައި އަޅުގަނޑުމެން ބޭނުންވާ ގޮތަށް މާތްވެގެންވާ އިސްލާމްދީނުގެ ވަރުގަދަ އަގީދާގެ މަތީގައި ތިބި، ދިވެހި ގައުމު ދެކެ ލޯބިވާ، ގައުމިއްޔަތުގެ ރޫހު ފުރިހަމައަށް އަށަގަނެފައިވާ ދިވެހި ލޮބުވެތި ދަރިންތަކެއް ގައުމުގެ މުސްތަގުބަލާ ހަވާލުވެވޭނެ ފަދަ ޒިންމާދާރު ދަރިންތަކެއް ބިނާކުރުމުގައި އަޅުގަނޑުމެން އެންމެން އެކުގައި، އެއް ރޫހެއްގައި ގައުމީ ވިސްނުމެއްގައި މަސައްކަތްކުރުމަކީ މިއަދު އަޅުގަނޑުމެން އަޒުމު ކަނޑައަޅަންޖެހޭ ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ގައުމުގެ މުސްތަގުބަލަކީ ވަރަށް އުޖާލާ މުސްތަގުބަލެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސްކޫލުން ބޭނުންވާ އިތުރު ކަންކަމުގައިވެސް ސްކޫލުގެ ފަރާތުން ސަރުކާރުގައި، އެޑިޔުކޭޝަން މިނިސްޓްރީގައި އެދިއްޖެ ނަމަ، ކުރިއަށް އޮތް ތަނުގައި އެކަންކަން ކޮށްދެއްވާނެ ކަމަށާއި ސްކޫލުން އެދޭ ކަންކަމުގައި ސަރުކާރާ ގުޅިގެން މަސައްކަތްކުރަމުން ގެންދިއުމަށް މާލޭ ސިޓީ ކައުންސިލަށް ވެސް ދަންނަވާ ކަމަށެވެ. އަދި ބެލެނިވެރިންނާއި ޓީޗަރުން އެދޭގޮތަށް މާފަންނު މަދަރުސާގެ ކުރިއެރުމަށްޓަކައި ކަންތައްތައް ކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ހާއްސަގޮތެއްގައި ސެން ޓީޗަރުން ތަމްރީނު ކުރުމުގެ އާ ޕްރޮގްރާމެއް މިހާރުވެސް އެޑިޔުކޭޝަން މިނިސްޓްރީން ފެށުމުގެ މަރުހަލާގައި އެދަނީ. އާ ކޮންސެޕްޓެއްގައި. އިންކްލޫސިވް ގޮތެއްގައި ހުރިހާ ޓީޗަރުންނަކީވެސް އެ ދާއިރާއިން ތަމްރީނު ލިބިފައިވާ ޓީޗަރުންނަށް ހެދުމާއި، ހާއްސަކޮށް، އެ ދާއިރާގެ ޓީޗަރުން އުފެއްދުމަށް. މި ދެ ކަންތައް ކުރުމުގެ މަސައްކަތްތަކެއް ފެށިގެން އެދަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެކަމުގައި ޝައުގުވެރިކަން ފާޅުކުރާ ހުރިހާ ފަރާތްތަކަކަށް ފުރުސަތުދީގެން، ކުރިއަށްއޮތް ތަނުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިންކްލޫސިވް ގޮތެއްގައި އެއްވެސް ތަފާތެއް ނުގެނެސް، ތައުލީމީ ފުރުސަތު ހޯދައިދިނުމުގައި މެނިފެސްޓޯގައި ކަނޑައަޅާފައި އޮތް ގޮތަށް، އެ ސިޔާސަތު ތަންފީޒިކުރުމަކީ އެ މަނިކުފާނު އެންމެ ބޭނުންފުޅުވާ ގޮތް ކަމަށެވެ.