ކާނިވަލް ސަރަހައްދުގައި ހަދާފައި ހުރި ސްޓޭޖް ތަޅާލުމަށްފަހު އާ ސްޓޭޖެއް ހަދައިދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮންނަ ކާނިވަލް ސަރަހައްދުގެ ސްޓޭޖަކީ މިހާރު ވަރަށް ބޮޑަށް ހަލާކުވެފައިވާ ތަނެކެވެ. އެތަނުގެ ހޮޅިދަނޑިތަކުގައި ދަބަރު ޖަހައި ހަލާކުވެ، ސްޓޭޖުގެ ފުރާޅުގެ ބައެއް ތަންތަންވެސް ވަނީ ނެއްޓިފައެވެ.
ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެ ކައުންސިލުން ހޯދަނީ އެ ސްޓޭޖު ތަޅާލުމަށްފަހު އަމިއްލަ ތަކެތީގައި އާ ސްޓޭޖެއް ހަދައިދޭނެ ބައެކެވެ.
އެ މަސައްކަތުގެ ތެރޭގައި ހިމެނެނީ ސްޓޭޖު ތަޅާލައި ކުނިތައް އުކާލުމާއި އާ ސްޓޭޖުގެ ސްޓްރަކްޗާ ހެދުމާއި އެކަމަށް ބޭނުންވާ ކޮންސެޕްޓާއި އިންޖިނިއަރިން އާއި ކުރެހުންތައް ތައްޔާރުކޮށް ހުއްދަ ހޯދުމާއި ހުރިހާ ފިނިޝިން މަސައްކަތް ކުރުން އަދި އަލަށް ހަދާ ސްޓޭޖުގެ ކަރަންޓާއި ފެނުގެ މަސައްކަތް ކުރުމެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. އަދި އަގު ހުށަހަޅަން ޖެހެނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.
މާލެ ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނެފައިވާ ގޮތުން އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ކުންފުންޏަކަށް އަދި ޕާޓްނާޝިޕް ނުވަތަ އަމިއްލަ ވިޔަފާރިތަކަށެވެ. އަދި އެ ކުންފުންޏަކީ އެ މަސައްކަތަށް ބޭނުންވާނެ ވަސީލަތްތައް ނުވަތަ އިކުއިޕްމަންޓް އޮޕަރެޓް ކުރާ ކުންފުންޏަކަށް ވާންވާނެ ކަމަށް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު