ދުންފަތުން ދުރުވާން ބޭނުންވާ ފަރާތްތަކަށް 24 ގަޑި އިރު ގުޅޭނެ ނަމްބަރެއް ތައާރަފްކޮށް އެ ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކުގެ ހުރިހާ ހަރަދަކާއި އެކަމަށް ބޭނުންވާ ތަކެތި އާސަންދަ މެދުވެރިކޮށް ފޯރުކޮށްދޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްމިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ދުންފަތުން ދުރުހެލިވާން ބޭނުންވާ މީހުން ފަރުވާ ހޯދުމަށް ގުޅޭނެ ނަންބަރެއް އަންނަ އާދިއްތަ ދުވަހުން ފެށިގެން ތައާރަފު ކުރަން ނިންމާފައިވާ ކަަމެވެ. އެ ނަމްބަރަކީ 1676 އެވެ.

ނާޒިމް ވިދާޅުވީ ދުންފަތުން ދުރުވުމަށް ބޭނުންވާ މީހުންގެ ފަރުވާގެ ކަންކަން އާސަންދައިން ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

"މިކަމަށް ބޭނުންވާ ނިކޮޓިން ޕެޗް، ގަމް އަދި އެހެނިހެން ޕެޗް، ފަރުވާވެސް އާސަންދައި ކަށަވަރު ކުރާނެ ގޮތް މިހާރު ސަރުކާރުން ވަނީ ނިންމާވާފައި. ސިޒޭޝަން މަސައްކަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ހެލްޕްލައި ނެތް މިހާރު ވަނީ ގާއިމް ކޮށްފައި. މި ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު، އަންނަ އާދިއްތަ ދުވަހުން ފެށިގެން މި ކުއިޓްލައިނުގެ ހިދުމަތް އެޗްޕީއޭ މެދުވެރިކޮށް ދެވެމުންދާނެ،" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލު ކުރުމަށް ނަތީޖާ ރަނގަޅު ހޭލުންތެރި ޕްރޮގްރާމްތަކެއް ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާ އެކު މިހާރުވެސް ކުރިޔަށްގެންދާ ކަމަށާއި ކުރިއަށް އޮތް ފަސް އަަހަރަށް އެކުލަވާލާ ޕްލޭނުގައި ރައްޔިތުންގެ އިރުޝާދު ހޯދުމާއި އަދި ކަމާ ގުޅުންހުރި އިދާރާތަކުގެ ހިޔާލު ހޯދުމަށް ނިންމަވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހެލްޕް ލައިނުގެ ސަބަބުން އެ ފަރާތެއް ހުރި އެންމެ ކައިރީ ފެސިިލިޓީއަކުން ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށާއި އަދި ހިދުމަތް ދޭނެ ތަން ވަރަށް ސާފުކޮށް އެފަރާތަކަށް އެނގިގެންދާނެ ކަމަށެވެ. އަދި ކުރިިއަށް އޮތް ދެ ތިން މަސްތެރޭ އެކަމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ ކަންކަން ނިންމުމަށް ވެސް އަމާޒު ހިފާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.