ޕާކިން ޖާގަ ހެދުމަށް ގަލޮޅު ސަހަރާގައި ހުރި ބައެއް ގަބުރުތައް ނަގަން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ގަލޮޅު ސަހަރާގައި ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން، އެ ސަހަރާގެ ހުޅަނގު އުތުރު ފަރާތާއި އިރު ދެކުނު ފަރާތުގައި ހުރި މިނި ކަށިތައް ނަގަން ބޭނުންވާ ކަމަށެވެ.
އެ އިއުލާނުގައި ބުނީ، އެ ސަރަހައްދުތަކުގައި ހުރި މަހާނަ ގާތައް ޖަހާފައިވާ މީހުން، އެ ގާތައް ނަގައިގެން ގެންދަން ބޭނުންވާ ނަމަ، ސިޓީ ކައުންސިލާ ގުޅިގެން މި މަހުގެ 15 ގެ ކުރިން އެ މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ. އަދި އެ މުއްދަތުގައި ނުނަގާ މަހާނަ ގާތައް، ސިޓީ ކައުންސިލްގެ ފަރާތުން ނެގުމަށް ފަހު، ނައްތާލާނެ ކަމަށް އިއުލާނުގައިވެއެވެ.
މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ގަބުރުތައް ނަގަނީ، އެތަނުގައި ޕާކިން ޒޯނެއް ހެދުމަށް ކަމަށެވެ.
ގަލޮޅު ސަހަރާގައި އާންމުކޮށް، މީހުން ވަޅުލައެއް ނޫޅެއެވެ. ނަމަވެސް ޝަރަފުވެރި ބައެއް ބޭފުޅުން އަދިވެސް ވަޅުލަނީ ގަލޮޅު ސަހަރާގައެވެ.
މާލެ ސިޓީ ކައުންސިލުން ދަނީ މާފަންނު ސަހަރާގެ ހުރިހާ މަހާނަ ގާތަކާއި މިނި ކަށިތައް ނަގައި އެ ބިން ހުސްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު