ޕާކިސްތާނުގައި ބާއްވަން ތައްޔާރުވަމުން އަންނަ ސައުތު އޭޝިއަން ގޭމްސް، ފަސްކުރި ތާރީހުގައިވެސް ބޭއްވޭނެ ކަމުގެ އުންމީދު ގެއްލި، އަންނަ އަހަރު ނޮވެމްބަރު މަހު ބާއްވަން ހުށަހަޅައިފިއެވެ.

ޕާކިސްތާނުގައި ބާއްވަން ނިންމާފައިވާ 14 ވަނަ ސައުތު އޭޝިއަން ގޭމްސް އެކިއެކި ފަހަރުމަތިން މިހާރު ވަނީ ފަސްކޮށްފައެވެ. އެ ގޭމްސްއަކީ ފުރަތަމަ 2021 ވަނަ އަހަރު ބާއްވަން މަސައްކަތް ކުރި ގޭމްސްއެކެވެ. ކޮވިޑާ ގުޅިގެން އެފަހަރު ގޭމްސް ކެންސަލްކޮށް، މިފަހުން ޕާކިސްތާނުގެ އޮލިމްޕިކް އެސޯސިއޭޝަނުން މަސައްކަތް ކުރީ މިއަހަރު މާޗު މަހު ގޭމްސް ބޭއްވުމަށެވެ، އެހެން ނަމަވެސް، މުބާރާތުގެ ކުޅިވަރު އިވެންޓްތައް ބާއްވާ ތަންތަނާއި މުބާރާތް ބާއްވާނެ ތާރީހު ފައިނަލް ނުކުރެވި މުބާރާތް އަނެއްކާ ލަސްކުރިއެވެ.

އެފަހަރު ގޭމްސް ފަސްކުރީ އަންނަ އަހަރު ފެބްރުއަރީ މަހު ބާއްވަން ނަމަވެސް، އެ މުއްދަތަށް ތައްޔާރު ނުވެވޭނެ ކަމަށް މިހާރު ޕާކިސްތާނުގެ އޮލިމްޕިކްސް އެސޯސިއޭޝަނުން ވަނީ ނިންމައިފައެވެ. އެގޮތުން އެންމެފަހުން އެގައުމުގެ އޮލިމްޕިކް އެސޯސިއޭޝަނުން ހުށަހަޅާފައި ވަނީ އަންނަ އަހަރު ނޮވެމްބަރު މަހަށް ގޭމްސް ތާވަލު ކުރުމަށެވެ.

ޕާކިސްތާނުގެ ސަރުކާރާއި އެގައުމުގެ އޮލިޕިކް އެސޯސިއޭޝަނަށް ފައިނަލް ނުކުރެވިފައި ވަނީ ހަރަދުކުރާނެ ގޮތާއި ގޭމްސް ބާއްވަން ހޭދަވާނެ ފައިސާގެ ތަފްސީލުތަކެވެ. އެގޮތުން ގޭމްސް ހޯސްޓް ކުރުމަށް އޮލިމްޕިކް އެސޯސިއޭޝަނަށް ބޭނުންވާނެ ކަމަށް ހުށަހަޅާފައިވާ 400 މިލިއަން ރުޕީސްގެ ބަޖެޓަށް ސަރުކާރުގެ އިކޮނޮމިކް ކޯޑިނޭޝަން ކޮމިޓީ (އީސީސީ) އިން އެއްބަސްވެފައެއް ނުވެއެވެ.

އީސީސީން ބުނީ އޮލިމްޕިކް އެސޯސިއޭޝަނުން ހުށަހަޅާފައިވާ ބަޖެޓްގައި ހިސާބުތަކުގެ ތަފްސީލު، އަދަދުތަކުން ދެއްކިފައި ނުވާ ކަމަށާއި، ތަފްސީލުތައްވެސް ހިމަނާފައި ނުވާ ކަމަށެވެ. އަދި އޮލިމްޕިކް އެސޯސިއޭޝަނުގެ ތެރޭގައި ކޮރަޕްޝަންގެ ބައެއް ކަންކަން ހިނގަމުންދާ ކަމަށްވެސް އީސީސީން ވަނީ ތުހުމަތު ކޮށްފައެވެ.

އިސްލާމްއާބާދާއި ލާހޯރުގައި ގޭމްސްގެ އިވެންޓްތައް ބާއްވަން ނިންމާފައިވާ އިރު، އިންޓަ-ޕްރޮވިންޝިއަލް ކޯޑިނޭޝަން ޑިވިޝަނުން އޮލިމްޕިކް އެސޯސިއޭޝަންގެ ކިބައިން އެދިފައި ވަނީ އަމިއްލަ ވިޔަފާރިތަކުގެ އިތުރުން އިޝްތިހާރު ވިއްކައިގެން އިތުރު ފައިސާ ހޯދަން މަސައްކަތް ކުރުމަށެވެ. އެކަމުގައި ޕަންޖާބުގެ ސްޓޭޓް ސަރުކާރުން ހަރަދުކުރަން އެއްބަސް ކުރުވަންވެސް އެދިފައިވެއެވެ.

އެ ހާލަތުގައި ސައުތު އޭޝިއަން ގޭމްސްގެ ކަންކަން އޮތުމާއެކު ޕާކިސްތާނުގެ އޮލިމްޕިކް އެސޯސިއޭޝަނުން ހުށަހެޅީ، އެގައުމުގެ ގައުމީ ކުޅިވަރު ގޭމްސް އަންނަ އަހަރު އޮކްޓޯބަރު މަހު ބާއްވައި، އިންތިޒާމުތައް ޓެސްޓް ކުރުމަށްފަހު ނޮމެމްބަރުގައި ސައުތު އޭޝިއަން ގޭމްސް ބޭއްވުމަށެވެ.

މީގެ ކުރިން ސައުތު އޭޝިއަން ގޭމްސް ޕާކިސްތާނުގައި ބާއްވައިފައިވަނީ 1989 ވަނަ އަހަރާއި 2004 ވަނަ އަހަރުއެވެ. އެފަހަރުތަކަށްވުރެ ބޮޑަށް މިފަހަރުގެ މައްސަލަ ގޯސްވެފައި އޮތުމާއެކު، ދެކުނު އޭޝިއާގެ ގައުމުތަކުގެ ޕްރެޝަރު ޕާކިސްތާނަށް ވަނީ ކުރިމަތިވެފައެވެ. އެއީ ގޭމްސް ނުބޭއްވޭ ނަމަ، ސްރީ ލަންކާއިން ގޭމްސް ހޯސްޓް ކުރަން ތައްޔާރަށް އޮތުމުންނެވެ.