ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި އަންގާރަ ދުވަހާއި ބުދަ ދުވަހަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާއްމުކޮށް ކުރިއަށްދާނެ ދުވަސްތަކެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމަވައިލައްވަމުން މިއަދު މަޖިލީހުގެ ޖަސާއެއް އޮންނާނެކަން ރިޔާސަތުން މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ އިއުލާން ކުރައްވައިފައެވެ.

ނަމަވެސް އެހެން ފަހަރުފަހަރެކޭ އެއްފަދައިން މިއަދު ހެނދުނާ ހަމައަށްވެސް މިއަދުގެ ޖަލްސާ އޮންނާނެ ކަމެއް އަދި އެޖެންޑާއެއް ވެސް އާއްމު ކޮށްފައެއްނުވެއެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ގުޅައިލުމުން މީޑިއާ އޮފިޝަލް ވިދާޅުވީ، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 9 ޑިސެމްބަރުގައި ކަމަށެވެ. އޭގެ އިތުރުން އިތުރު އެއްވެސް ތަފްސީލެއް ނުދެއްވައެވެ.

މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލީހުގެ މި ދައުރުގެ ފަހު ދުވަހަކީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހެވެ. ނަމަވެސް މަޖިލީހުގައި މުހިއްމު މަސައްކަތްތަކެއް ހުރި ކަމަށް ބުނެ މަޖިލީހުގެ ރައީސް ވަނީ މަޖިލިސް ދައުރު ދައްމާލުމަށް މަޖިލީހުގައި އެދިފައެވެ.

އެގޮތުގެމަތިން މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ވަނީ މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ 15 ގެ ނިޔަލަށް އިތުރުކުރަން ފާސްކޮށްފައެވެ.