ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 400 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފެނަކައިން މިއަދު އާންމުކުރި އެ ކުންފުނީގެ މާލީ ހާލަތާ ގުޅޭ ރިޕޯޓުގައި ބުނެފައިވާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަރަންޓު ބިލުތަކުން އެ ކުންފުންޏަށް 178 މިލިއަން ރުފިޔާ އަދި ސަރުކާރުން 221.7 މިލިއަން ރުފިޔާ ލިބެން ޖެހެއެވެ.

އޭގެ ތެރެއިން މިދިޔަ އެއް މަހު ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން 47 މިލިއަން ރުފިޔާ އަދި އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ހުރި ކަރަންޓު ބިލުތަކަށް ނުލިބި 178 މިލިއަން ރުފިޔާ ނުލިބި އެބަ ހުރި ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން އާންމުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެ ކުންފުންޏަށް އެންމެ ބޮޑު އަދަދެއް ނުދައްކާ އޮތީ އެސްޓީއޯ އިންނެވެ.

އެ ކުންފުނިން 51 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. އަދި ސަރުކާރުން އެންމެ ބޮޑު އަދަދެއް ދައްކަންޖެހެނީ ކޮންސްޓްރަކްޝަން މިނިސްޓްރީންނާއި ކައުންސިލްތަކުންނެވެ. އެގޮތުން އެ ދެ ފަރާތުން އެކަނިވެސް ފެނަކައަށް 100 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.