ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ މަރާލި ކަމަށް އިއުތިރާފުވެ، ފަހުން އެކަމުން ރުޖޫއަވި އަބްދުލް ވާހިދު ރިފާސް ތަހުގީގަށް ދިން އިއުތިރާފުގެ ބަޔާނަކީ ތެދެއްކަން ސާބިތުކުރަން ދައުލަތުން ހެކި ހުށަހަޅައިފިއެވެ.
އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައިމާ މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރި ތެރޭ ބިންމަތީގައި އޮއްވައެވެ. އޭނާގެ ހަށިގަނޑުން ގިނަ އަދި ފުން ޒަހަމްތަކެއް ހުރިކަން ވަނީ އެނގިފައެވެ.
ނައީމާގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވަނީ އެ ރަށު ތިން މީހުންނަށެވެ. އަހުޒަމް އަބްދުއްޝުކޫރު އާއި ރިފާސް އަބޫބަކުރު ގެ އިތުރުން ހަސަން ފަވާޒަށެވެ. އޭގެ ތެރެއިން އަހުޒަމް އަބްދުއްޝުކޫރު އަދި ހަސަން ފަވާޒު ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ. އެ ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ރިފާސް ވަނީ ނައީމާ މަރާލި ކަމަށް އިއުތިރާފުވެ، އެ ހާދިސާ ހިނގައިދިޔަ ގޮތް ތަހުގީގަށް ކިޔައިދީފައެވެ. ރިފާސް ދިން ބަޔާންތަކުގެ އެހީގައި ފުލުހުން ވަނީ މި މަރުގެ މައްސަލައާ ގުޅުންހުރި މުހިންމު ހެކިތަކެއް ވެސް ހޯދައިފައެވެ. އެ ހެކިތަކުގެ ތެރެއިގައި ނައީމާ މަރާލުމަށް ބޭނުން ކުރި ދެ ވަޅިއެއް ފުލުހުން ހޯދިއެވެ. އަދި ނައީމާއަށް ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު އަންދާލުމަށްފަހު ވަޅުގަނޑަކަށް ލާފައި ހުއްޓައި ހޯދިއެވެ. އަންނައުނު ހޯދީ ވަޅުގަނޑު ކޮނެގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ވަނީ ރިފާސްގެ ތަހުގީގަށް ކިޔައިދީފައިވާ ގޮތަށް ނައީމާގެ މަރުގެ ހާދިސާ ހިނގިކަން ސާބިތު ކުރުމަށް ހެކި ހުށަހަޅައިފައެވެ. ދައުލަތުން އެ ހެކިތައް ހުށަހެޅީ ރިފާސް ދައުވާތަކަށް އިންކާރުކޮށްފައިވާތީއެވެ.
ދައުލަތުން ވަނީ ހެކީގެ ގޮތުގައި އަހުޒަމް، ފަވާޒް އަދި ރޮފާސްގެ ސެލް ލޮކޭޝަންތަކާއި ފޯން ކޯލް ރިކޯޑިން ހުށަހަޅައިފައެވެ. ދައުލަތުން ވިދާޅުވީ ދައުވާ ލިބޭ ފަރާތްތަކުން ނާއިމާގެ ގެއަށް ވަންއިރު އަޅައިގެން ހުރި މާސްކާއި އަންގިތަކާއި ނައީމާއަށް ހަމަލާދިން ދެވަޅި އަދި ހަމަލާދިން އިރު ލައިގެން ހުރި ޕީޕީއީ ކިޓުތައް ހޯދި ރިފާސް ތަހުގީގަށްދިން ބަޔާނުގެ އަލީގައި ކަމަށެވެ. ދެން ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅައިފައިވަނީ ޑީއެންއޭ ތަހުލީލު ރިޕޯޓުތަކާއި މި މައްސަލަ ތަހުގީގު ކުރި ފުލުހުންނެވެ.
ރިފާސްގެ ފަރާތުން ވެސް ވަނީ މިއަދުގެ ޝަރީއަތުގައި ދިފާއީ ހެކިތައް ހުށަހަޅައިފައެވެ. އެ ހެކިތަކަކީ ކުށް ހިނގި ތަނުގައި ރިފާސް ނެތްކަން ސާބިތު ކުރުމަށާއި ނައީމާގެ މަރުގެ މައްސަލައިގައި ފުލުހުންނަށް އިއުތިރާފު ބަޔާނެއް ދިނީ އޭނާގެ ވަކީލު ދިން ލަފާގެ މައްޗަށް ޖިނާއީ އަދުލުގެ ނިޒާމުގައި ލިިބިދޭ ހައްގުތައް ނޭނގި ހުރެ ކަން ސާބިތު ކުރުމަށެވެ.
މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިއަހަރުގެ އޮގަސްޓު މަހުގެ 15 ގަ އެވެ. އެ ޝަރީއަތުގައި ދައުލަތުން ވިދާޅުވެފައިވަނީ ނައީމާ މަރާލީ ފަވާޒްގެ އެންގުމަށް ކަމަށާއި އަހުޒަމް އާއި ރިފާސްއަށް އެކަމުގެ އަގެއްގެ ގޮތުގައި ދިނީ މަސްތުވާތަކެތި ކަމަށެވެ. ދައުލަތުން ވިދާޅުވެފައިވަނީ ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށާއި ސިހުރު ހަދާ މީހުން މަރައިގެން ފާފަވެރި ނުވާނެ ކަމަށް ރިފާސް އަދި އަހުޒަމަށް، ފަވާޒް ވިސްނައިދީފައިވާ ކަމަށެވެ. އަދި ނައީމާ މަރާލުމަށް ބޭނުންވާ އާލަތްތައް ހޯދައި، އެ ދެ މީހުން ނައީމާ ދިރިއުޅޭ ގެއަށް ގެންދިޔައީ ފަވާޒް ދުއްވާ ކާރުގައި ކަމަށާއި އެމީހުން ނައީމާ ދިރިއުޅޭ ގެއަށް ވަނީއްސުރެ ފޯނުން އެމީހުންނަށް ކަން ކުރާނެ ގޮތުގެ އިރުޝާދު ދިނީވެސް ފަވާޒް ކަމަށެވެ.
ދައުލަތުން ވިދާޅުވެފައިވަނީ ނައީމާ މަރާލުމަށް ފަހު، ފަވާޒުގެ ކާރުގައި މީހުން ނޫޅޭ ސަރަހައްދަކަށް ގެންގޮސް، ވަޅުގަނޑެއް ކޮނުމަށްފަހު ހުރިހާ އެއްޗެއް އަންދާލަން އިރުޝާދުދީ، ފެޓްރޯލް ހަމެއް ދީފައިވާ ކަމަށާއި އެތަކެތި އަންދާލުމުން އެ ސަރަހައްދުން އަނބުރާ ގެންދިޔައީ ވެސް ފަވާޒްގެ ކާރުގައި ކަމަށެވެ.
ދައުލަތުން ފަވާޒްގެ މައްޗަށް އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ވެސް އުފުލިއެވެ. އެއީ ރިފާސް ހައްޔަރު ކުރުމާ އެކު ކުރިން ގެންގުޅުނު ފޯނު ނައްތާލުމަށްފަހު އާ ފޯނެއް ފަވާޒް ގަތުމުންނެވެ. ދައުލަތުން ވިދާޅުވެފައިވާ ގޮތުގައި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ، ނައީމާ މަރާލުމަށްފަހު އޭނާ އޮތް ކޮޓަރި އެތެރެއިން ތަޅުލާން އިރުޝާދު ދީފައި ވަނީ ފަވާޒް ކަމަށްވާތީއެވެ.
ނައީމާގެ ހަށިގަނޑު ފެނިފައިވަނީ މަރާލިތާ 40 ގަޑިއިރު ފަހުންނެވެ. އެއިރު އެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައެވެ. ނައީމާގެ މޫނުވެސް އޮތީ ވަރަށް ބޮޑަށް ކުނިވެ، ކަޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު