ހުޅުމާލެ ފަޅުތެރެއިން މަރުވެފައި އޮއްވާ ފެނުނު މ. މަޑުއްވަރީ ކޮކްނަޓް ވިލާ، އިބްރާހިމް ޖިނާހު މުހައްމަދު (36އ) އަކީ އެރަށަށް ނިސްބަތްވާ މަސްވެރިއެއްކަން އެނގިއްޖެއެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އިބްރާހިމް ޖިނާހަކީ މަސްވެރިކަމުގައި އާންމު ގޮތެއްގައި ރަށުން ބޭރުގައި އުޅެމުން އަންނަ މީހެއް ކަމަށެވެ. މަރުވުމުގެ އެއް ދުވަސް ކުރީން ރަށު މީހަކާ ގުޅައިގެން މަސްވެރިކަމުގެ ވާހަކަތަކެއް އިބްރާހިމް ޖިނާހު ދެއްކި ކަމަށް ވެސް އޭނާ ބުންޏެވެ.

ފުލުހުން މިއަދު ބުނީ އިބްރާހިމް ޖިނާހުގެ މަރުގެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އާއިލާއާ ހަށިގަނޑު ހަވާލުކޮށްފައިވާ ކަމަށެވެ.

"ތަހުގީގު ތެރެއިން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ރޭގެ ވަގުތެއްގައި ހަށިގަނޑު ވަނީ އާއިލާއާ ހަވާލުކޮށްފައި" ފުލުހުން ބުންޏެވެ.

ފުލުހުން އިއްޔެ ބުނީ އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލޭ ފަޔާ ސްޓޭޝަނާ ދިމާ ފަޅުތެރެއިން ކަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.