ބޭރު ފައިސާގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން އެކުލަވައިލި އާ މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދުގެ ދަށުން މުއްދަތު ހަމަވިއިރު 98 ފަރާތަކުން ލައިސެންސަށް އެދިފައިވާތީ، ކުރީން ދީފައި ހުރި 163 ލައިސަންސް ބާތިލްކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިއްޔެ މިއަދު ބުނެފި އެވެ.

"މަނީ އެކްސްޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު"ގެ ދަށުން ދެ ބާވަތެއްގެ މަނީ އެކްސްޗޭންޖް ލައިސަންސް ދޫކުރެއެވެ. އެއީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ލައިސަންސް (ޓިއާ 1 މަނީ އެކްސްޗޭންޖިން ލައިންސަންސް) އާއި ބޭރު ފައިސާ ވިއްކުމުގެ ލައިސަންސް (ޓިއާ 1 މަނީ އެކްސްޗޭންޖިން ލައިންސަންސް) އެވެ.

މި ލައިސެންސަށް އެދި އެމްއެމްއޭއިން ހުޅުވާލީ އޮކްޓޯބަރު ތިނެއްގައެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި އާ ގަވައިދަށް އަމަލުކުރަން ފެށުމުގެ ވަނީ ކުރިން 212 ފަރާތަކަށް މަނީ ޗޭންޖާ ލައިސަންސް ދީފައެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި ލައިސަންސް ބާތިލް ކުރި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 99 ކޮމާޝަލް ވިޔަފާރިއާއި 64 ރިސޯޓު ކަމަށާއި މިހާރު ހިންގަމުން އަންނަ މަނީ ޗޭންޖަރުންގެ 35 ކޮމާޝަލް ވިޔަފާރި އާއި 14 ރިސޯޓަކުން ލައިންސަންސް އާކުރަން އެދިފައިވާ ކަމަށެވެ.

ޓިއާ 1 ގެ ދަށުން އެޕްލިކޭޝަން ފީގެ ގޮތުގައި 20،000ރ. ދައްކަން ޖެހޭއިރު ލައިސަންސް އަހަރީ ފީއަކީ 24،000ރ. އެވެ. ދުވާލެއްގެ މައްޗަށް އެއް ކަސްޓަމަރަކަށް ނަގުދު ފައިސާއިން އެންމެ ގިނަވެގެން މުއާމަލާތް ކުރެވޭނީ 50،000ރ. ނުވަތަ އެއަށް ޖެހޭ ބޭރު ފައިސާގެ އަދަދެވެ.

ޓިއާ 2 ގެ ދަށުން ލައިސަންސް އެޕްލިކޭޝަން ފީގެ ގޮތުގައި ދައްކަން ޖެހޭނީ 1،300 ޑޮލަރެވެ. ލައިސަންސް އަހަރީ ފީގެ ގޮތުގައި 1،800 ޑޮލަރެވެ.

މީގެ އިތުރުން ގަވައިދުގައިވާ ގޮތުގައި ޓިއާ 2ގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 50،000 ޑޮލަރު ބަހައްޓަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އެމްއެމްއޭއިން ބުނީ އާ ގަވާއިދުގެ ދަށުން ދޫކުރާ ލައިސެންސް ވީހާވެސް އަވަހަށް ދޫކުރުމަށް އެ ބޭންކުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ވަކި މުއްދަތެއް ހާމައެއް ނުކުރެއެވެ.

އެމްއެމްއޭއިން އިން ވަނީ އާ ލައިސަންސް ދޫކޫރުމުގައި ވަކި ޝަރުތުތަކެއް ފުރިހަމަކުރުން ލާޒިމްކޮށްފައެވެ.

  • ހަމައެކަނި ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިއަކަށްވުން.
  • އޮޑިޓުކޮށްފައިވާ މާލީ ރިޕޯޓުތައް ހުށަހެޅުން.
  • އެމްއެމްއޭއަށް ޖަވާބުދާރީ ވާނެ ކޮމްޕްލަޔަންސް އޮފިސަރަކު ކަނޑައެޅުން.
  • ކޮންމެ ވިޔަފާރިއެއްގައި ހުސް ދިވެހިން ތިބުން ލާޒިމުކުރުން.

އެމްއެމްއޭއިން ބުނީ، އެ ޝަރުތުތައް ކަނޑައެޅީ، މަނީ އެކްސްޗޭންޖިންގެ ވިޔަފާރި ހަރުދަނާ އުސޫލަކާއެކު ހިންގައި އެ ވިޔަފާރިއަކީ ދެފުށް ފެންނަ އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ވިޔަފާރިއަކަށް ހެދުމަށް ކަމަށެވެ.

އެމްއެމްއޭއިން އިތުރަށް ބުނި ގޮތުގައި އާ ލައިސަންސް ދޫކުރާނީ ޖުމްލަ 50 ފަރާތަށް ވުރެ އިތުރު ނުވާނެހެންނެވެ. އަލަށް ލައިސަންސަށް އެދޭ މީހުންގެ އަދަދު އެއަށްވުރެ އިތުުރުވާނަމަ، ލައިސަންސް ދޭނީ ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރުއަތު ނަގައިގެން ކަމަށްވެސް ބުންޏެވެ.