ސްޓެލްކޯގެ ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
”ސާފު ވެށި، މަގޭ ޒިންމާ“ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމް ފައްޓަވައިދެއްވީ މިއަދު ހެނދުނު ސްޓެލްކޯގެ މައި އޮފީސް ބޭރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި މާލެ ސިޓީ މޭޔަރު އާދަމް އާޒިމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ.
ސްޓެލްކޯ އިން ބުނީ، ސިލްސިލާކޮށް ކުރިއަށްގެންދަން ނިންމާފައިވާ އެ ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ތިމާވެށީގެ ސާފުތާހިރުކަން ދެމެހެއްޓުމާއެކު އެ ކުންފުނީގެ ސަރަހައްދުތައް އަބަދުވެސް ސާފުކޮށް ބަލަހައްޓަމުން ގެންދާ ތަންތަންކަމުގައި ބޭއްވުމަށް އެ ކުންފުނީގެ މުވައްޒަފުންނަށް ހިތްވަރުދީ ސާފުތާހިރުކޮށް ބެލެހެއްޓުން ކަމަށެވެ.
އެގޮތުން މާލެ ސަރައްހައްދާއި އަތޮޅުތަކުގައި ހުންނަ ސްޓެލްކޯގެ ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ހިމެނޭ ސަހަރައްދުތައް ސްޓެލްކޯ މުވައްޒަފުން ނުކުމެ ސާފުކޮށް ބަލަހައްޓާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ، ދުނިޔޭގެ އެހެން ވެރިރަށްތައްވެސް ރީތި ކަމަށް އެ ތަންތަނަށް ޒިޔާރަތް ކުރާ މީހުން ބުނާ ގޮތަށް، މާލެއަކީވެސް ރީތި ތަނެއް ކަމަށް ބުނަން ސްޓެލްކޯ އިން ބޭނުންވާ ކަމަށެވެ. އެގޮތުން އެ ކުންފުނިން ފެށި ޕްރޮގްރާމަކީ ކުޑަ އެހެން ނަމަވެސް ނަތީޖާ ފުރިހަމަ ވެގެންދާނެ ޕްރޮގްރާމެއް ކަމަށް ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތޯރިގު ވަނީ ދާއިމީ ގޮތަކަށް މުޅި ރާއްޖެ ސާފުކޮށް ބޭއްވުމަށް ސްޓެލްކޯ ނަމޫނާއަކަށް ބަލައިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް ސާފުކުރުމުގެ ސިލްސިލާ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު