އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ދުނިޔޭގެ ހުރިހާ ސިޔާސީ އަދި އިގުތިސޯދީ ބާރެއް ބޭނުން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.
ރައީސް މިގޮތަށް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ގައުމުގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމުގައި ރާއްޖެ އިން އަބަދު ވެސް ސާބިތުކަމާ އެކު ދެމި އޮންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ތަހަންމަލު ކުރަމުންދާ އަނިޔާވެރިކަމާއި ބޭއިންސާފާއި ދިރިއުޅެމުން ގެންދާ ހިތްދަތިކަމަކީ ކޮންމެ ދިވެއްސަކަށް ވެސް އަމިއްލަ އަށް ކުރެވޭ އިހުސާސެއް ކަމަށެވެ.
"އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވައި ހަނގުރާމައިގެ ޖަރީމާތަކުގައި ޒިންމާވާން ޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައު އެއްބައިވެ، އެގައުމެއްގެ ސިޔާސީ ވިސްނުމާއި އިގުތިސޯދީ ބާރުގެ ބޭނުން ހިފުމަށް ގޮވާލަން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިމައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ގެނެވޭނީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްތީނުގެ މިނިވަން އަދި އިސްތިގުލާލީ ދައުލަތެއް ގާއިމުކުރެވި، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު