އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އަމުރު ނެރެފައިވުމުން، ރާއްޖެއިން ހައްޔަރުކުރުމުގައި އެއްވެސް މީހަކު އިސްތިސްނާ ނުކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އައިސީސީން މިމަހުގެ 21 ވަނަ ދުވަހު އެ އަމުރު ނެރެފައިވަނީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް އަދި ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ޟައީފް ހައްޔަރުކުރުމަށެވެ.

އެކަމާ ގުޅިގެން ނަތަންޔާހޫ ރާއްޖެ އައިސްފި ނަމަ، ހައްޔަރުކުރާނެތޯ ސޯޝަލް މީޑިއާގައި މީހަކު ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖެއަކީ އިންޓަނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ވަކި މީހަކު އިސްތިސްނާނުކޮށް ތަންފީޒުކުރާނެ ގައުމެއް ކަމަށެވެ.

އެކަމުގެ ސީދާ ޖަވާބެއް ހޯދުމަށް މިރޭ "ވަން" އިން ސުވާލުކުރުމުން ވެސް މިނިސްޓަރު ވިދާޅުވީ، "އެއްވެސް މީހަކު އިސްތިސްނާއެއް ނޯންނާނެ،" ކަމަށެވެ.

ދަ ހޭގްގައި ހުންނަ އައިސީސީން މިމަހުގެ 21 ވަނަ ދުވަހުގެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 13 މަސް ދުވަހަށް އިޒްރޭލުން ގާޒާގައި ހިންގި ލާއިންސާނީ އަމަލުތަކާއި ހަނގުރާމައިގެ ސަބަބުން ނަތަންޔާހޫ އާއި ގަލަންޓް އަދި ޟައީފް ހައްޔަރުކުރުމަށް އަމުރު ނެރޭ ކަމަށެވެ.

"ގާޒާގެ ރައްޔިތުން ދިރިހުރުމަށް ކޮންމެހެން ބޭނުންވާ ތަކެތި ކަމަށްވާ ކާނާއާއި ފެނާއި ބޭހާއި ސިއްހީ ސާމާނުގެ އިތުރުން ތެލާއި ކަރަންޓު ވެސް ގަސްތުގައި އަދި އެނގިހުރެ ވެސް މަހުރޫމު ކުރި ކަމަށް ގަބޫލުކުރެވޭނެ ސަބަބުތަކެއް ހުރި ކަމަށް ޗެމްބަރުން ބެލި،" މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އަމުރުގައި ބުނެފައިވެއެވެ.

ނަތަންޔާހޫއާއި ގަލަންޓްގެ އިތުރުން ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރްއާއި ހަމާސްގެ މިލިޓަރީ ވިންގުގެ ކޮމާންޑަރު މުހައްމަދު ދިއާބް އިބްރާހިމް އަލް-މަސްރީ އަދި ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ހެޑް އިސްމާއިލް ހަނީޔޭ ހައްޔަރުކުރުމުގެ އަމުރަކަށް ހުށަހަޅާފައިވަނީ އައިސީސީގެ ޗީފް ޕްރޮސިކިއުޓަރު ކަރީމް ހާންއެވެ. އޭނާ އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މިއަހަރުގެ މެއި މަހުއެވެ.

ކަރީމް ހާން ވިދާޅުވެފައިވަނީ، 7 އޮކްޓޯބަރު 2023ގައި ހަމާސް އިން އިޒްރޭލަށް ހަމަލާ ދިން ދުވަހުން ފެށިގެން އިޒްރޭލުން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކުގެ ޒިންމާ ނަތަންޔާހޫއާއި ގަލަންޓް ނަގަން ޖެހޭނެ ކަމަށެވެ.

އެގޮތުން ނަތަންޔާހޫއާއި ގަލަންޓް ހައްޔަރުކުރަން ކަރީމް ހާން ހުށަހަޅާފައިވަނީ ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ބޭނުންކޮށް އިންސާނުން ބަނޑަށް ޖެއްސުން، މީހުން މެރުން، އާންމުން ދިރިއުޅޭ އާބާދީތަކަށް އަމާޒުކޮށް ގަސްތުގައި ހަމަލާ ދިނުން އަދި ބަޔަކު ނައްތާލިކަމުގެ ތުހުމަތުގައެވެ.

ހަމާސްގެ ލީޑަރުން ހައްޔަރު ކުރަން ހުށަހެޅީ ބަޔަކު ނައްތާލުން، މީހުން މެރުން، ރަހީނު ކުރުން، ރޭޕު ކުރުން އަދި ލާއިންސާނީ އަމަލު ހިންގިކަމުގެ ތުހުމަތުގައެވެ.

ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށް އެދުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ. މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހު ރައީސް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަތަންޔާހޫ އާއި ޔޯވް ގަލަންޓްގެ ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް ހުށަހެޅުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.