އެކި ފަރާތްތަކުން ނަހަމަ ގޮތުގައި ފައިސާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މޯލްޑިވްސް އިމިގްރޭޝަންގެ ފަސް މުވައްޒަފެއްގެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.

އިހުސާންގެ ރަސްމީ އެކްސް އެކައުންޓުން މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރަން ފަށާފައިވާ އެ މައްސަލައިގައި އެ އޮފިސަރުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައި، ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގެ އިތުރު ތަފުސީލުތައް ތަހުގީގު ކުރިއަށްދާވަރަކުން ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތައް ގުޅިގެން ހާމަކުރަމުން ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، އެފަދަ ކަންކަމަކީ މި ސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލު ކުރާނެ ކަންކަން ނޫން ކަމަށެވެ.

"ޔުނިފޯމް އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމުގެ ހުރުމަތްކަނޑައި ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރު ގެއްލުވަމުންދާ ފަރާތްތަކާ ދޭތެރޭ ގާނޫނީ ގޮތުން އެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް އަންގަވާފައިވާ ކަމެއް،" އިހުސާން ވިދާޅުވިއެވެ.