ވިލިމާލޭގެ ބޯޓްޔާޑު ސަރަހައްދުން 9.1 ޓަނުގެ ކުނި ނަގައިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލު މީޑިއާ އިން މިއަދު "ވަން" އަށް ބުނީ ވިލިމާލޭގެ ބޯޓްޔާޑު ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 8.30 އިން 14:00 އަށް ކަމަށެވެ.

އެ މަސައްކަތް ކުރިއަށްގެންދިޔައީ މާލެ ސިޓީ ކައުންސިލުގެ މުނިސިޕަލް ޓީމާއި، ކޮމިއުނިޓީ އެންގޭޖްމަންޓް އަދި ވޭސްޓް މެނޭޖުމަންޓް ޓީމުތައް ގުޅިގެން ކަމަށާއި އެ މަސައްކަތް ކުރިއަށްގެންދިޔައީ ދެ ސެގްމަންޓަކަށް ބަހާލައިގެން ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ފަށައި، މަގުތަކާއި ހުސްބިންތަކުގައި ހުރި ކުނި ނަގައި ސާފުކުރުމުގެ މަސައްކަތް ނިންމައި ދެވަނަ ސެގްމަންޓުގައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔަ ކަމަށެވެ. އަދި އެ ސަރަހައްދުން ނެގި ޖުމުލަ 9.1 ޓަނުގެ ކުނީގެ ތެރޭގައި ޕްލާސްޓިކް، ދަގަނޑު، ލަކުޑި އަދި އުޅަނދުފަހަރު މަރާމާތުކުރުމަށް ބޭނުންކުރާ އެހެނިހެން ތަކެތި ހިމެނޭ ކަމަށް ކައުންސިލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން އެ މަސައްކަތް ވިލިމާލޭގައި ކުރިއަށްގެންދިޔައީ ރަށުތެރެ ސާފުކޮށް ބޭއްވުމުގެ މަގުސަދުގައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވިލިމާލެ ބޯޓުޔާޑު ސަރަހައްދު ބޭނުންކުރުމުގައި ވަކި އުސޫލުތަކެއް ކަނޑައަޅައި ކައުންސިލުގެ ހުއްދައާއެކު އެ ސަރަހައްދު ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުމަށް ރާވަމުން ގެންދާ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.