ރިސޯޓުތަކަށް ލިބޭ ޑޮލަރު ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ނިންމި ނިންމުމަށް ލުއިދީފައިނުވާނެ ކަމަށާއި މަސައްކަތް ކުރަމުންދަނީ އެކަމަށް ހަދާފައިވާ ގަވާއިދު ގާނޫނަކަށް ބަދަލުކުރުމަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އެމްއެމްއޭއިން ރޭ ވަނީ "ބޭރު ފައިސާއާބެހޭ ބިލް"ގެ ނަމުގައި ޑްރާފްޓެއް ބިލެއް އެކުލަވައިލައި އާންމުންގެ ހިޔާލަށް ހުޅުވާލައިފައެވެ. އެ ޑްރާފްޓު ބިލު އާންމުކުރުމާއެކު ބައެއް ފަރާތްތަކުން ވަނީ މިހާރު އޮތް ގަވާއިދުގެ ދަށުން ބޭންކުތައް މެދުވެރިކޮށް މާރުކުރަންޖެހޭ ޑޮލަރުގެ އަދަދުތަކަށް ލުއިތަކެއް ދީފައިވާ ކަމަށް ބުނެފައެވެ.

އެގޮތުން "ބޭރު ފައިސާއާބެހޭ ބިލް"ގެ ޑްރާފްޓްގައިވާ ގޮތުން ކެޓަގަރީ "އޭ" ގައި ހިމެނޭ، ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތައް ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ލާޒިމުވާނެ ކަމަށެވެ. ކެޓަގަރީ "ބީ" ގައި ހިމެނޭ ގެސްޓް ހައުސްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އެ އަދަދު ބޭންކަކަށް ޖަމާކޮށް މާރުކުރަން ލާޒިމުވާނެއެވެ.

އެމްއެމްއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުނައްވަރު ވިދާޅުވީ ޑްރާފްޓުގައި ބިލުގައި ޑޮލަރު މާރުކުރުމާ ގުޅޭގޮތުން ކުރިން ނިންމައިފައިވާ ނިންމުމަށް ލުއިދީފައިނުވާނެ ކަމަށެވެ.

މުނައްވަރު ވިދާޅުވީ ޑްރާފްޓު ބިލުގައިވަނީ އާ ކެޓަގަރީއެއް ހިމަނައިފައި ކަމަށެވެ. އެގޮތުން، ޓޫރިޒަމް ދާއިރާގައި ނުހިމެނޭ ފަރާތްތަކުން ވެސް، އަހަރެއްގެ ތެރޭގައި 20 މިލިއަން އެމެރިކާ ޑޮލަރަށް ވާ އަދަދަށް ބޭރު ފައިސާ ލިބޭ ނަމަ އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 25 ޕަސެންޓަށް ވުރެ ބޮޑު ނުވާ އަދަދެއް ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރަން މަޖުބޫރުވާ ގޮތަށް ބިލުގައި ހިމަނައިފައިވާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

"އެއްވެސް ލުޔެއް ދީފައެއް ނުވާނެ. ފެއާ ވުމުގެ ގޮތުން ނޮން ޓޫއަރިޒަމް ފަރާތްތައް ހިމެނުން ފިޔަވައި އިތުރު އެއްވެސް ޗޭންޖެއް ގެނެސްފައެއް ނުވާނެ،" ގަވަރުނަރު ވިދާޅުވިއެވެ.

ޑްރާފްޓު ބިލުގައި ވެސް ހިމަނާފައިވާ ގިނަ ލުއިތަކަކީ ނުވަތަ އިސްތިސްނާތަކަކީ ގަވާއިދުގައި މިހާރު ވެސް ހުރި އިސްތިސްނާތަކެއް ކަމަށެވެ. ނަމަވެސް ޓޫރިޒަމްގެ ދާއިރާގެ ފަރާތްތަކުން ގަވާއިދާ ގުޅޭގޮތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން، ބައެއް ކުދި ބަދަލުތައް ބިލްގައި ހިމަނާފައިވާނެކަން މުނައްވަރު ގަބޫލުކުރެއްވިއެވެ.

ޑްރާފްޓު ބިލުގައިވާ ގޮތުން ރިސޯޓުގައި 24 ގަޑިއިރު ހޭދަނުކުރާ ޓޫރިސްޓުންނާއި ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި އަދި ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީ ފަރާތްތަކުގެ ގޮތުގައި އަންނަ މީހުންގެ އަތުން ޑޮލަރު މާރުކުރަން ނުޖެހޭނެއެވެ.

އެއީ ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ގަވާއިދާ ގުޅޭގޮތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން، އިތުރުކުރި ބައެއް ކަމަށް މުނައްވަރު ވިދާޅުވިއެވެ.