ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ބޯޓަކުން އެއް ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި އެ ބޯޓުން ހައްޔަރު ކުރި ފަސް މީހުންގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

އެ މަސްބޯޓު އަތުލައިގަތީ ހދ. މަކުނުދޫ ބޭރުންނެވެ. ލަންކާގެ އެ މަސް ބޯޓު އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ހިފެހެއްޓީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 12:45 ހާއިރުއެވެ.

ކޯސްޓު ގާޑާއި ފުލުހުންގެ ބެލުމުގެ ދަށުން މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު އެ ބޯޓު ކުޅުދުއްފުށި ބަނދަރަށް ގެންގޮސް ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ވަނީ ފެނިފައެވެ. އެގޮތުން ބޯޓުން ފެނުނު މަސްތުވާތަކެތީގެ ޕްރިލިމިނަރީ ޓެސްޓު ނަތީޖާތަކުން އޭގެ ތެރޭގައި ހުރީ 344 ކިލޯގެ ކްރިސްޓަލް މެތާއި 124 ކިލޯގެ ކޮކެއިން ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ ބޯޓުގައި ލަންކާއަށް ނިސްބަތްވާ ފަސް ފިރިހެނުން ތިބި އިރު، ފުލުހުން މިއަދު ވަނީ އެމީހުންގެ ވަނަވަރު އާންމުކޮށްފައެވެ. އެގޮތުން އެ ބޯޓުގައި ތިބީ ރާޖްޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް (21އ)، މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ (22އ)، ޗަމޮދް ދިވަންގާ ދިލަކާވަ (22އ)، ލޮރެންސު ހެވާގީ ސަރަތު (56އ) އަދި ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމަ (37އ) އެވެ.

ފުލުހުން މިއަދު ބުނީ އެ ފަސް މީހުން ކަސްޓޯޑިއަލް ޖަލެއްގައި 30 ދުވަހަށް ބަންދުކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރު ކޮށްފައިވާ ކަމަށެވެ.