އެމެރިކާގެ ރިޔާސަތަށް ޑޮނަލްޑް ޓްރަމްޕު ވަޑައިގެންނެވީމާ ދުނިޔޭގެ އެންމެ ބޮޑު އަނެއް ބާރުކަމަށްވާ ޗައިނާއާ ދެމެދު އޮންނަ ގުޅުންތައް ބަދަލުވެގެން ހިނގައިދާނެގޮތެއް ބެލުމަށް ދުނިޔެ މިހާރު އޮތީ އިންތިޒާރެއްގައެވެ. މިދަނޑިވަޅުގައިވެސް ޗައިނާ ގެންދަނީ އެމެރިކާގެ އަވަށްޓެރި ގައުމުތަކާ ކައިރިވަމުން ގުޅުންތައް ބަދަހިކުރަމުންނެވެ. އެމެރިކާގެ ގޮނޑުދޮށުގައިވެސް ޗައިނާގެ އިގްތިސާދީ މަސްލަހަތު ގާއިމުކުރަމުންނެވެ. ކަޑަ ޖަހަމުންނެވެ. ވެރިކަމުގެ އައު ދައުރެއް ޓްރަމްޕު ހޯއްދެވީ އެމެރިކާއަށް އެތެރެކުރާ ޗައިނާގެ މުދަލުން ނަގާ ޑިއުޓީ ނުވަތަ ޓެކްސް ފަސްދޮޅަސް އިންސައްތައަށް އިތުރުކުރައްވާނެ ކަމުގެ ވައުދުތަކާއެކުގައެވެ. މިހެން މިކަން އޮތުމާއެކު އެމެރިކާގެ ބަނދަރުތަކުގެ ބޭނުން ނުހިފައި ސީދާ ލެޓިން އެމެރިކާގެ ގައުމުތަކާއި ޗައިނާއާ ދެމެދު ވިޔަފާރީގެ މުއާމަލާތު ހިންގޭނޭ ބޮޑު ބަނދަރެއްގެ މަޝްރޫއު ޗައިނާގެ ބެލުމުގެ ދަށުން މިހާރުވަނީ ފެށިފައެވެ. މިއީ ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ޕެރޫގައި ގާއިމްކުރާ ބަނދަރެކެވެ.

މި ބަނދަރަށް ޗައިނާއިން އިސްކަންދޭ މިންވަރު ހާމަވެގެންދިޔައީ މި ބަނދަރު އިފްތިތާހު ކުރުމުގެ ހަފުލާގައި ސީދާ ޗައިނާގެ ރައީސް ޝީ ޖިންޕިން ދާދިފަހުން ބައިވެރިވެވަޑައިގެންނެވުމުންނެވެ. ރައީސް ޝީ ޖިންޕިން ޕެރޫއަށް ވަޑައިގެންނެވީ އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން، އެޕެކްގެ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އެކަމަކު ދުނިޔޭގެ ލޯތައް ބޮޑަށް އަމާޒުވީ ސަމިޓަކަށް ނޫނެވެ. ޕެރޫގެ ހުޅަނގުބިތުން ޕެސިފިކް ކަނޑުގެ އައްސޭރީގައި ހަދާ ޗަންސޭ ބަނދަރަށެވެ. މިއީ އެތައްހާސް މިލިޔަން ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓެކެވެ. މެދުތެރޭ އެމެރިކާ އާއި ދެކުނު އެމެރިކާއަކީ އަބަދުވެސް އެމެރިކާގެ ނުފޫޒުގެ ދަށުގައި އޮންނަ ސަރަހައްދުތަކެއް ކަމުން އެމެރިކާގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ ޗައިނާ މިހިސާބަށް ވަދެގަތުމަކީ ކުޑަކަމެއް ނޫނެވެ. އެގޮތުން ދުނިޔޭގެ ކަޅި އަމާޒުވީއެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި ޗައިނާއަށް މި ފުރުސަތު ލިބުނީ އެމެރިކާގެ ސިޔާސަތުގެ ދޯދިޔާކަމުންނެވެ.

ދެކުނު އެމެރިކާގެ ގައުމުތަކަކީ އެމެރިކާގެ އަވަށްޓެރިންނެވެ. އެގައުމުތަކާމެދު މިހާތަނަށް އެމެރިކާ އޮތީ ވަރަށް ބޮޑަށް އިހުމާލުވެފައެވެ. ފަރުވާކުޑަކޮށްފައެވެ. އިންވެސްޓެއް ނުކުރެއެވެ. ޗައިނާ ދެމިގަތީ މިގޮތަށް ހުޅުވިފައިއޮތް ދޮރަކުންނެވެ. ޕެރޫއަކީ ނުހަނު ބޮޑަށް ބޭރުގެ އިންވެސްޓްމަންޓަށް ބޭނުންވެފައިވާ ގައުމެކެވެ. ޗައިނާއިން ޕެރޫގައި ގާއިމްކުރާ ބިޔަ ބަނދަރުގެ ސަބަބުން ޕެރޫގެ މުޅި އިގްތިސާދަށް އެނގުންވެގެންދާނެއެވެ. ޕެރޫއަށް ނުހަނު ގިނަގުނަ ފައިދާތަކެއް ކުރާނެއެވެ. ޕެރޫއާއި ކޮލަމްބިއާ އަދި އިކުއެޑޯރާއި ބްރެޒިލްގެ މުދާ ހަމަސީދާ އޭޝިޔާގެ ބަނދަރުތަކަށް ފޮނުވޭނެއެވެ. އަދި އޭޝިޔާގެ ގައުމުތަކުގެ މުދާ މި ބަނދަރުގެ ތެރެއިން ދެކުނު އެމެރިކާގެ ގައުމުތަކަށްވެސް އެތެރެކުރެވޭނެއެވެ. މިއީ އެމެރިކާގެ ވިޔަފާރީގެ މަސްލަހަތަށް ނުހަނު ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން މިއީ ޓްރަމްޕުގެ ސަރުކާރަށްވެސް އަދި އޭގެފަހުން އަންނަ ސަރުކާރުތަކަށްވެސް ވަރަށް ބޮޑު މައްސަލައެކެވެ. ބޮލުގެ ރިހުމެކެވެ.

ޕެރޫގައި ގާއިމްކުރާ ބަނދަރުގެ މި މަޝްރޫއުގެ އަގަކީ ގާތްގަޑަކަށް 3.5 ބިލިޔަން ޑޮލަރެވެ. ޚަރަދުކުރަނީ ޗައިނާ ސަރުކާރުގެ ކުންފުންޏެއް ކަމުގައިވާ ކޮސްކޯ ޝިޕިންގެ ފަރާތުންނެވެ. ޕެރޫގެ ރައީސް ޑީނާ ބޮލުއާރޓޭ ސިފަކުރައްވާ ގޮތުގައި މިއީ ޕެރޫގެ މަލަމަތި މުޅިން ބަދަލުކޮށްލާނެ މަޝްރޫއެކެވެ. ރައްޔިތުންނަށް ތަނަވަސްކަމާއި އުފާފާގަތިކަން ގެނެސްދޭނެ މަޝްރޫއެކެވެ. ޕެރޫގެ އިގްތިސާދުގެ އުތުރު ތަނޑިއަކަށްވާނީވެސް މި ބަނދަރެވެ. އެހެންވީމާ ބަޔަކު ބުނާ އެއްޗަކަށް ބަލައިގެން، އެހެން ބައެއްގެ މަސްލަހަތަށް ރިއާޔަތްކޮށްގެން މި މަޝްރޫއު ހުއްޓައިލުމެއް، މަޑުޖެއްސުމެއް ނޯންނާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ޕެރޫގެ ސަރުކާރުން މިގޮތަށް ދެކޭއިރު ޗައިނާއިންވެސް ބަލަނީ ދެކުނު އެމެރިކާގެ މާރުކޭޓު ޗައިނާއަށް ހުޅުވޭ ދޮރަކީ މިއީ ކަމުގައެވެ. ޗިލީގެ މައުދަނާއި ބްރެޒިލްގެ ކާބޯތަކެއްޗަކީ މިހާރުވެސް ޗައިނާއަށް މުހިންމު ތަކެއްޗެވެ. މި ބަނދަރުގެ ސަބަބުން މިދޭތެރޭގެ ދަތުރުވެސް ބޮޑުތަނުން އަވަސްވާނެއެވެ.

އަވަސްވަނީ ކިހާވަރަކަށް ބާވައެވެ. ކުރިން 35 ދުވަހުން ކުރެވޭ ދަތުރު އެންމެ 23 ދުވަހުން ނިންމައިލެވޭނެއެވެ. މާނަޔަކީ ބާރަދުވަހުގެ ޚަރަދު ނައްތައިލެވުމެވެ. އެއީ ވަރަށް ބޮޑު އަދަދެކެވެ. އެހެންވީމާ މި ބަނދަރު ވެގެންދާނީ އެ ބަނދަރުގެ ބޭނުންހިފާ އެންމެނަށްވެސް އިގްތިސާދީގޮތުން ނަފާވާ ތަނަކަށެވެ. ބޮޑުތަނުންނެވެ. ދެންއޮތީ ޗައިނާއިން މި ބަނދަރުގެ ބޭނުން އަސްކަރީ ކަންކަމަށް ހިފާނެތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލެވެ. މިއީ ސައިޒު ބޮޑު ބަނދަރެކެވެ. ފުން ބަނދަރެކެވެ. ހުރިހާ ބާވަތެއްގެ އުޅަނދުތަކަށްވެސް ޚިދުމަތް ދެވޭނެ ހެޔޮވަރު ބަނދަރެކެވެ. މާނަޔަކީ ޗައިނާގެ އަސްކަރިއްޔާގެ މަނަވަރުތަކަށްވެސް ވަދެވޭނެއެވެ. މަތިންދާބޯޓު އުފުލާ މަނަވަރުވެސް ހިމެނޭގޮތުންނެވެ. ދުނިޔޭގެ ތަންތަނުގައި ޗައިނާއިން މިޒާތުގެ އިންފްރާސްޓްރަކްޗަރ ގާއިމްކުރަނީ އާއްމުގޮތެއްގައި ދެ ބޭނުންވެސް ހިފޭގޮތަށެވެ. މަދަނީ ވިޔަފާރީގެ ބޭނުންތަކާއި އަސްކަރީ ބޭނުންތަކެވެ. ޕެރޫގައި ގާއިމްކުރާ ބަނދަރާމެދު އެމެރިކާ ކަންބޮޑުވާ ސަބަބަކީ އެއީއެވެ.

އެމެރިކާގެ ސިފައިންގެ ސީނިއަރ ބައެއް ކޮމާންޑަރުން މިހާރުވެސް މިކަމުގެ އިންޒާރު އެބަދެއްވައެވެ. ޕެރޫގައި ގާއިމްކުރާ ބަނދަރަކީ ޗައިނާގެ ނޭވަލް ބޭހެއްކަމަށް ސިފަކުރައްވައެވެ. ކޮންމެއަކަސް މިއީ މިވަގުތު ދެކުނު އެމެރިކާގައި އެކަނި ހިނގާ ކަމެއް ނޫނެވެ. ދެކުނު ޕެސިފިކްގައިވެސް އެބަހިނގައެވެ. އިންޑިޔާ ކަނޑުގައިވެސް އެބަހިނގައެވެ. އެޓްލާންޓިކް ކަނޑުގައިވެސް އެބަހިނގައެވެ. މިކަން މިހެންނުވެ ފަރުޖެެއްސޭތޯ ޗައިނާގެ ވާދަވެރިން ނުހަނު ބޮޑަށް މަސައްކަތް ކުރަމުންދާތަންވެސް އެބަފެނެއެވެ. އެކަމަކު ކުރިލިބޭތީ ފެންނަނީ ޗައިނާއަށެވެ. ފަގީރު ގައުމުތައް އެތިބީ ތަރައްގީއަށް ބޭނުންވެފައެވެ. އިންވެސްޓްމަންޓަށް ބޭނުންވެފައެވެ. އެމެރިކާއަކުން، އޮސްޓްރޭލިޔާއަކުން އެފައިސާއެއް ނުދެއެވެ. ދިނަސް ދެނީ ދާދިކުޑަކުޑަ މިންވަރެކެވެ. ޗައިނާއިން އެހެނެއް ނުހަދައެވެ. ޗައިނާއިން ކުރަނީ ބޮޑު އިންވެސްޓްމަންޓެކެވެ. އެއަށް ނޫނެކޭ ބުނަން ނުކެރޭވަރުގެ ބޮޑެތި އަދަދުތަކުންނެވެ. އެހެންވީމާ އެމެރިކާގެ ގޮނޑުދޮށުގައިވެސް ކަޑަޖަހަން ޗައިނާއަށް މަގުފަހިވާނެތާއެވެ.