ޖަލުގައި ތިބި ކުށްވެރިންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ފޯރުކޮށްދެމުން ދިޔަކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ތެރެއިން އެ ކުށަށް އިއުތިރާފުވެ ދައުލާތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދި ތިންވަނަ އޮފިސަރު ވެސް ދައުލަތުން ކުރާ ދައުވާއަށް އިންކާރުކޮށްފިއެވެ.
މާފުށީ ޖަލުގައި ތިބޭ ކުށްވެރިންނަށް ޑުރަގާއި ފޯނު ވައްދައިދިނުމުގެ ތުހުމަތުގައި ޖަލު އޮފިސަރުންތަކެއް ހައްޔަރު ކުރީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. އަދި އެ މައްސަލައިގައި 13 ޖަލު އޮފިސަރުން ހައްޔަރު ކުރި އިރު، އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އޮތީ ފޮނުވައިފައެވެ.
އޭގެ ތެރެއިން ދައުވާ ކުރީ ފަސް މީހެއްގެ މައްޗަށެވެ. ހެކި ނެތުމުގެ ސަބަބުން ދެން ތިބި އަށް މީހުންގެ މައްޗަށް ދައުވާ ކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ދައުވާކުރީ ރ. އުނގޫފާރު/ އައިވަރީހައުސް، ޖިނާހް އަބްދުއްރަހީމް އާއި ކ. މާފުށި/ ބީޗްހައުސް، އަލީ ހިޝާމް އާއި ހދ. ނޭކުރެންދޫ/ ތަރާނާގެ، އަލީ ނާޒިމްގެ އިތުރުން ގއ. ވިލިނގިލި/ ކުއްޅަވައްގެ، މުހައްމަދު ފަތޫހު ފަތުހުﷲ އާއި ނ. ލަންދޫ/ ކާމިނީގެ، އަލީ އަސްފާގުގެ މައްޗަށެވެ.
ދައުލަތުން އެ އެންމެންގެ މައްޗަށް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ ދައުވާއެވެ. އިތުރު ދައުވާއެއް ދައުލަތުން ކޮށްފައިވަނީ ޖިނާހު އަދި ޝަހީމުގެ މައްޗަށެވެ. އެއީ މަނީ ލޯންޑަރިންގެ ދައުވާއެވެ.
ދައުލަތުން ވަނީ އަލީ ނާޒިމް، މުހައްމަދު ފަތޫހު ފަތުހުﷲ އަދި އަލީ އަސްފާގުއާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އެ އެއްބަސްވުން ކުރިމިނަލް ކޯޓަށް ވެސް ހުށަހަޅައިފައެވެ. ނަމަވެސް ކުރިމިނަލް ކޯޓުގައި މީގެ ކުރިން މި މައްސަލައާ ގުޅިގެން ބޭއްވި އަޑުއެހުމުގައި އަލީ އަސްފާގު އަދި އަލީ ނާޒިމް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި މުހައްމަދު ފަތޫހު ފަތުހުﷲ ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެއާއެކު ދައުލަތާއެކު ހަދައިފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ މުއާމަލާތް ވަނީ ކެނޑިފައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިއުތިރާފުގެ އެއްބަސްވުމާ، ދައުވާ ލިބޭ ފަރާތަކުން ރުޖޫއަވެ އަދި ދައުވާއަށް އިންކާރުކޮށްފި ނަމަ، އަލުން އެ މައްސަލައެއް ތަހުގީގު ކުރުމަށް ފުލުހުންނަށް އިތުރު މުއްދަތެއް ލިބޭނެއެވެ.
މިއަދުގެ ޝަރީއަތުގައި ދައުލަތުން ވިދާޅުވީ، އިއުތިރާފުގެ އެއްބަސްވުމުން ތިން މީހުން ރުޖޫއަވެ، ދައުވާއަށް އިންކާރުކޮށްފައިވާތީ އެ މީހުންގެ މައްޗަށް ފަހުގެ މުއްދަތެއްގައި ދައުވާކުރަން ބޭނުންވާ ކަމަށެވެ.
ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ނިންމެވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އަލުން ފަތުހޫގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމުގެ ފުރުސަތު ދައުލަތަށް ދިނުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު