މަޖިލީހަށް ހުށަހަޅާ ބިލްތަކާ އެއްޗެހި ގެންދިއުމުގެ ބާރު މަޖިލީހުގެ ރައީސަށް ލިބިގެން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، އަންނަ އަހަރަަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ބަހުސްގައި، އަންނަ އަހަރަށް ހުށަހެޅި ބަޖެޓް އަނބުރާ ގެންދިއުމަށް ގޮވާލައްވައި އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދު ދެއްކެވި ވާހަތަކާ ގުޅިގެންނެވެ.

ސިޔާމް ވިދާޅުވީ، މިފަހަރު މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ އެއްވެސް ތަފްސީލެއް ނެތް ބަޖެޓެއް ކަމަށެވެ. ބަޖެޓުގައި ދާއިރާތަކަށް ހިމަނާފައިވާ ކަންތައްތައް ހިމަނާފައި ނުވާތީ މެންބަރުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކުގެ ތަރައްގީއަށް ވަނީ ކޮންކަންތައްތަކެއްކަން ނޭނގޭ ކަމަށްވެސް ވިދާޅުވިއެވެ.

ސިޔާމު ވިދާޅުވީ، މަޖިލިސް މެންބަރުންނަކީ ރައްޔިތުން އެ މީހުންގެ ދާއިރާތަކުގެ ތަރައްގީއަށް މަސައްކަތްކޮށްދީ، ރައްިޔތުން އެދޭގޮތަށް މަޖިލީހުގައި ވަކާލާތު ކޮށްދިނުމަށް ރައްޔިތުން އިންތިހާބު ކޮށްފައިވާ ބައެއް ކަމަށެވެ. މަޖިލިސް މެންބަރުން ހުވާ ކުރައްވާފައި ވަނީވެސް އެގޮތަށް ކަންތައް ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ ތަފްސީލުތައް ނެތި ބަޖެޓަށް ވާހަކަ ދައްކަވާނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

"މަޖިލީހުގައި މިވީ 21 އަހަރުގެ ތެރޭގައި ތަފްސީލެއް ނެތް ބަޖެޓެއް ހުށަހެޅުނު ފުރަތަމަ ފަހަރު މިއީ،" ސިޔާމް ވިދާޅުވި އެވެ.

އެހެންކަމުން ސިޔާމު ވަނީ ބަޖެޓް އަނބުރާ ގެންގޮސް ތަފްސީލުތަކާއެކު އަލުން ހުށަހެޅުމަށް ގޮވާލައވައިފައެވެ. ސިޔާމުގެ ވާހަކަތައް ނިމުމުން، މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހަށް ހުށަހަޅާ ބިލްތަކާއި އެއްޗެހި އަނބުރާ ގެންދިއުމަކީ މަޖިލިސް ރައީސަށް އޮތް ބާރެއް ނޫން ކަމަށެވެ. އަދި އެބާރު އޮންނަނީ މަޖިލިސް މެންބަރުންގެ އަތުގައި ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.