ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އަލްލޫ އަރްޖުންގެ ބްލޮކްބަސްޓާ ފިލްމު "ޕުޝްޕާ: ދަ ރައިސް" ގެ ސީކުއެންސް އަންނަ މަހު ސިނަމާތަކަށް ގެނައުމަށް ތައްޔާރުވެއްޖެ އެވެ.

ދެވަނަ ބައި "ޕުޝްޕާ 2: ދަ ރޫލް" ރިލީޒް ކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. ސުކުމާރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިންޑިއާގެ އެންމެ އަގުބޮޑު އެއް ފިލްމު ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ 500 ކްރޯޑުގެ ޕްރޮޑަކްޝަން ބަޖެޓަކާއެކުއެވެ.

ފިލްމުގެ ޓްރެއިލާ އާދިއްތަ ދުވަހު ރިލީސްކޮށްފައިވާއިރު ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވެއެވެ. ފަހުގެ ރިޕޯޓުތައް ބުނާގޮތުން ފިލްމުގެ، ޓީވީ ރައިޓްސް ރެކޯޑް އަގަކަށް ވަނީ ވިއްކާލާފައެވެ.

އިންޑިއާ ޓުޑޭގައި ވާ ގޮތުގައި 'ޕުޝްޕާ 2: ދަ ރޫލް' ގެ ޓީވީ ރައިޓްސް ގަނެފައިވަނީ ޖަޔަންތިލާލް ގާޑާ އިސްކޮށް ހުރެގެން އުފައްދާފައިވާ ޕެން ސްޓޫޑިއޯސް އިންނެވެ. މީޑިއާއާ ވާހަކަ ދައްކަމުން ގާޑާ ބުނިގޮތުގައި މިއީ ބޮލީވުޑްގެ ބޮޑު ބަޖެޓް ފިލްމުތަކަށްވުރެ ވެސް ފަހަނައަޅައި ގޮސްފައިވާ "އިންޑިއާ އިން މިހާތަނަށް ގަތް އެންމެ އަގު ބޮޑު" ފިލްމެވެ. ނަމަވެސް ޑީލްގެ ސީދާ އަދަދު އޭނާ ހާމައެއް ނުކުރެއެވެ.

ސިނަމާގައި ރިލީޒް ކުރުމަށްފަހު "ޕުޝްޕާ 2" ނެޓްފްލިކްސް އިން ސްޓްރީމް ކުރާނެ އެވެ.

ސެކްނިލްކްގެ ރިޕޯޓްތައް ބުނާ ގޮތުން ސްޓްރީމިން ޖަޔަންޓް ކުންފުނިން މި ފިލްމުގެ ޑިޖިޓަލް ރައިޓްސް 275 ކްރޯޑު ރުޕީސް އަށް ގަނެފައިވާއިރު، މިއީ ފިލްމަށް ލިބުނު އަނެއް ބޮޑު މައިލްސްޓޯން އެވެ.

ސީކުއެލްގައި އަލްލޫ އަރްޖުން، ރަޝްމިކާ މަންދާނާ، އަދި ފަހާދު ފާސިލް ވަރުގަދަ ކަމްބޭކްތަކެއް އަންނަން ތައްޔާރުވެފައިވާއިރު، ސަޕޯޓިން ރޯލުން ފެނިގެންދާނީ ޖަގަދީޝް ޕްރަތަޕް ބަންޑާރީ، ޕްރަކާޝް ރާޖް، ޖަގަޕަތީ ބާބޫ، އަނަސޫޔާ ބާރަދުވާޖް، އަދި ރާއޯ ރަމޭޝް އެވެ.

ސޫކޫމާރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ގައުމީ އެވޯޑް ލިބިފައިވާ ކޮމްޕޯސަރު ދޭވީ ސްރީ ޕްރަސާދުގެ މިއުޒިކެއް އެކުލެވިގެންވެ އެވެ. އަލްލޫ އަރްޖުންއާ އެކު ބަތަލާ ސްރީލީލާ ޑާންސް ނަމްބަރެއްގައި ފެނިގެންދާނެ އެވެ. ފުރަތަމަ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް ނޭނގޭ ސަބަބަކާ ހުރެ ފިލްމު އުފެއްދި ފަރާތްތަކުން ވަނީ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހަށް ފިލްމު ރިލީސްކުރުން އަވަސްކޮށްފައެވެ.