މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު ނެގުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށާއި އެވަރުގެ ބާރެއް އެ އޮތޯރިޓީއަށް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން އެހެން ވިދާޅުވެފައި މިވަނީ، އެމްއެމްއޭގެ އާ ގަވާއިދުގެ ދަށުން ޓޫރިޒަމްގެ ވިޔަފާރިތަކުން ކޮންމެ ފަތުރުވެރިއެއްގެ އަތުން 500 ޑޮލަރުގެ މަގުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހުމާއެކު، އެކަމާ ދެކޮޅަށް ޓޫރިޒަމް ވިޔަފާރީގައި އުޅުއްވާ ބައެއް ފަރާތްތަކުން އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ.
ޔާމީން ވިދާޅުވީ ރާއްޖޭގައި ފެންވަރު ރަނގަޅު ޓޫރިޒަމެއް އޮތުމުން ޓެކްސް ނެގުމަކީ ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް ޓެކްސް ދައްކަން ތިބި މީހުންނަށް އެކަމުގެ ބޮޑު ބުރައަކާ ކުރިމަތިލާން ޖެހޭ ވަރަށް އެކަން ކުރުމަކީ ގޯސް ކަމެއް ކަމަށެވެ. އާ ގަވާއިދުގެ ދަށުން އެ ނަގަނީ ޓެކުހެއް ވެސް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.
"މިހާރު މި އަންނަނީ އެކްސްޓްރާ ޖުޑިޝަލް ކަމެއް. ގާނޫނުން ހުއްދަކުރާ ކަމެއް ވެސް ނޫން. އެއީ އެވަރުގެ ގާނޫނެއް ނޯވޭ އެމްއެމްއޭ އަތަކު، މީހެއްގެ އަމިއްލަ މުދާ އެމްއެމްއޭއަށް ދައްކަންވާނެއޭ، ޑޮލަރުން އާމްދަނީ އެއްކުރާ ކަމަށްވަންޏާ ތިމަންނަމެން ބުނާ އަގެއްގައި ކޮށްދޭންވާނެއޭ،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ކަރަންސީ އާބިޓްރާޖް ނޫނީ ޕެރަލަލް މާކެޓް ހައްލުކުރުމަކީ ޓޫރިޒަމް އިންޑަސްޓްރީގެ ޒިންމާއެއް ނޫން ކަމަށާއި އެ ޒިންމާ ހަވާލުވެފައި އޮތީ އެމްއެމްއޭއާ ކަމަށެވެ. އެހެންކަމުން ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަކީ އެމްއެމްއޭގެ ޒިންމާއެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
"އެހެންވީމާ އެމްއެމްއޭއަށް މިކަން ނުކުރެވިގެން މިއުޅެނީ އެމްއެމްއޭއަށް ސަރުކާރުގެ ފިސްކަލް ސްޕެންޑިން ކޮންސޮލިޑޭޓް ނުކުރެވިގެން އުޅޭތީ. ދެން މި ބުނަނީ ދައުލަތް ބަނގުރޫޓު ނުވެ ސަލާމަތްވެއްޖެއޭ، ދިވެހި ރުފިޔާ ޗާޕުނުކޮށް ތިމަންނަމެން ސަލާމަތްވެއްޖެއޭ. މި ވިދާޅުވާ ކަންތައްތަކަކީ ކުޑަކުއްޖަކު ވެސް ކޮށްގެން ނުވާނެ ކަންތައްތައް،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމްއެމްއޭގެ ގަވާއިދު ބަދަލުނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް، އެމްއެމްއޭގެ ގަވާއިދުތައް ދެމެހެއްޓުން ނުވަތަ ބަދަލުކުރުމުގެ ބާރު އެއީ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ބާރެއް ނޫން ކަމަށާއި މަނިޓަރީ އޮތޯރިޓީގެ ގާނޫނަކީ ވަކިން ފާސްކޮށްފައި އޮންނަ ގާނޫނެއް ކަމަށެވެ.
ސަރުކާރުގެ ހަފުތާ 52 ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ގަވާއިދު ބަދަލު ނުކުރައްވާނެ ކަމަށާއި ގަވާއިދަށް ތަބާވާން ޖެހޭނެ ކަމަށެވެ. އަދި ގަވާއިދުގެ ދަށުން ޓޫރިޒަމް އިންޑަސްޓްރީން މާރުކުރަން ޖެހޭނީ ޖުމުލަކޮށް އާމްދަނީގެ 20 ޕަސަންޓު އެކަނި ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެން މި ގަވާއިދު ބަދަލުކުރާކަށް ނެތިން، ނުކުރާނަން ބަދަލެއް. ވަރަށް ސާފުކޮށް މި ދަންނަވަނީ، ގަވާއިދެއް ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރަން ޖެހިވަޑައިގަންނަވާނެއޭ. ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމުކަމެކޭ. މިކަން ކުރައްވަން ޖެހިވަޑައިގަންނަވާނެއޭ. މިއީ ގާނޫނުއަސާސީއާ އެއްގޮތަށް ކުރާ ކަމެއް، ގާނޫނުތަކާ އެއްގޮތަށް ކުރާ ކަމެއް،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ އެކަން އިތުރަށް ތަންފީޒުކުރަން އެހީތެރިކަން ދިނުމަށް، އެމްއެމްއޭއަށް ފަސޭހަކޮށްދިނުމަށް އެކަމަށް ހާއްސަ ފޮރެކްސް ގާނޫނެއް ވެސް މަޖިލިސް ތެރެއިން ފާސްކޮށްދެއްވާނެ ކަމަށާއި މި ސަރުކާރު އޮންނާނީ 100 ޕަސަންޓް ރައްޔިތުންނާ އެކީގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު