ދިގު އިންތިޒާރުތަކަކަށް ފަހު ކަންގަނާ ރަނައުތުގެ ސިޔާސީ ފިލްމު 'އިމަޖެންސީ' އަށް ސެންސަރު ކްލިއަރެންސް ލިބި އަންނަ އަހަރު ޖެނިއަރީގައި ރިލީސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކަންގަނާ އަމިއްލައަށް ލިޔެ، ޑައިރެކްޓްކޮށް އަދި މައި ރޯލު ކުޅޭ "އިމަޖެންސީ" އަކީ އިންޑިއާގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، އިންދިރާ ގާންދީގެ އެ ދުވަސްވަރުގެ ދިރިއުޅުއްވުން ދައްކުވައިދޭ ފިލްމެކެވެ.

މި ފުރިހަމަ ކެރެކްޓަރު ކުޅުމަކީ ކަންގަނާގެ ކެރިއަރުގައި އެންމެ ބޮޑު ގޮންޖެހުން ކަމުގައި އޭނާވަނީ ބުނެފައެވެ. ސޯޝަލް މީޑިއާގައި ފިލްމާބެހޭ ފަހުގެ ހަބަރުތައް ހިއްސާކުރަމުން، ކަންގަނާ ލިޔެފައިވަނީ، "17 ޖަނަވަރީ 2025 - ގައުމުގެ އެންމެ ބާރުގަދަ އަންހެނާގެ އަދި އިންޑިއާގެ ކުރިމަގު ބަދަލުކޮށްލި ވަގުތުގެ އެޕިކް ވާހަކަ "އިމަޖެންސީ" ސިނަމާތަކަށް އަންނަނީ" ކަމަށެވެ.

[ކަންގަނާ ހިއްސާކޮށްފައިވާ ޕޯސްޓް](https://www.instagram.com/p/DCgG1BAKVIb/?igsh=NTB1eHlmbHh2aTA1)

މި ފިލްމު މި އަހަރުގެ ސެޕްޓެމްބަރ 6 ގައި ދައްކަން ހަމަޖެހިފައިވީ ނަމަވެސް، ސިކް ޖަމާއަތްތަކެއްގެ ފަރާތުން އެ ޖަމާއަތް ނޭދެވޭ ގޮތަކަށް ދައްކުވައިދީފައިވާ ކަމަށް ބުނެ ހުށަހެޅި ޝަކުވާތަކާ ގުޅިގެން މި ފިލްމަށް މައްސަލަތަކާ ކުރިމަތިވިއެވެ. ސެންސަރު ބޯޑުން ފިލްމު މުރާޖައާކޮށް، ދެއްކުމަށް ޔޫ/އޭ ސެޓްފިކެޓް ދިނުމުގެ ކުރިން 13 ބަދަލެއް ގެންނަން އެންގިއެވެ. މި ބަދަލުތަކުގެ ތެރޭގައި އަނިޔާވެރި މަންޒަރުތައް ނެގުމާއި، ޑައިލޮގެއްގައި ޖާނެއިލް ސިންގް ބިންދްރަންވާލޭ އަށް "ސާދާ މީހާ"ގެ ގޮތުގައި މުހާތަބު ކުރާތަން ނެގުން ހިމެނެއެވެ.

"އިމަޖެންސީ" ގައި ބާރުގަދަ ތަފާތު ކާސްޓެއް ހިމެނެއެވެ. މީގެ ތެރޭގައި އަނުޕަމް ކޭރު، މަހިމާ ޗައުދަރީ، މިލިންދް ސޯމަން، ޝްރެޔަސް ތަލްޕަޑޭ، ވިޝާކް ނައިރު، އަދި އަވަހާރަވެފައިވާ ސަތީޝް ކައުޝިކް ހިމެނެއެވެ.