ކޮންމެ ވެރިކަމެއް އޮތަސް، އެ ވެރިކަމުން ގެންނަ ޕޮލިސީތައް ތަންފީޒުކުރުމުގައި ސިވިލް ސާވިސްގެ މުވައްޒަފުން ފަސްޖެހިގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންގެ 52 ހަފުތާގެ މަސައްކަތުގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ ސަރުކާރުން ގެންނަ ޕޮލިސީގައި ހިތްހަމަނުޖެހޭ ކަމެއް އޮތް ނަމަވެސް ސިވިލް ސާވަންޓެއްގެ ހައިސިއްޔަތުން އެކަން ތަންފީޒުކުރުމަށް މަސައްކަތް ކުރަންވާނެ ކަމަށެވެ.

"އެއްވެސް ޕޮލިސީއެއް ވިއްސަކަށް ތިރީހަކަށް ސިޔާސީ ބޭފުޅުންނަކަށް ކުރިއަކަށް ނުގެންދެވޭނެ ސަރުކާރުގައި. އަޅުގަނޑުމެންގެ ސިވިލް ސާވަންޓުންނަކީ މީތީގެ މެއިން ޖިސްޓް،" ސާޖިދާ ވިދާޅުވިއެވެ.

އެ ކަމަނާ ވިދާޅުވީ، ބައެއް ކަހަލަ ހިތްހަމަނުޖެހުންތަކާ ކުރިމަތިލާންޖެހޭ ފަހަރު އަންނާނެ ކަމަށާއި ނަމަވެސް ސިއްހީ ދާއިރާގައި މަސައްކަތް ކުރާއިރު އެ ހިތްހަމަނުޖެހުންތައް އެއް ފަރާތްކޮށް މަސައްކަތައިގެން ކުރިއަށްގޮސް އެ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.