އޭޝިއާގެ އިންޑަސްޓްރީ ޗެމްޕިއަންސްގެ އެވޯޑް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް އަދި މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސްގެ އެވޯޑް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއަށް ލިބިވަޑައިގެންފިއެވެ.

ސްޓެލްކޯއަށް ލިބިފައިވަނީ އޭޝިއާ ބައްރުގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގައިވާ 'އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2024'ގެ އިންޑަސްޓްރީ ޗެމްޕިއަންސްގެ އެވޯޑެވެ. މިއީ ދިވެހި ކުންފުންޏަކަށް އެ އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

ފަހުމީއަކީ އޭޝިއާގެ މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސްގެ އެވޯޑް ލިބިވަޑައިގެންނެވި ދެވަނަ ދިވެހި މެނޭޖިން ޑިރެކްޓަރެވެ. މީގެ ކުރިން އެ އެވޯޑް ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ އަށާއި އުރީދޫ މޯލްޑިވްސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ނަޖީބް ހާނަށް ލިބިވަޑައިގެންފައިވެއެވެ.

އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ މެލޭޝިއާގެ މޯސް ގްރޫޕުން އިންތިޒާމްކޮށްގެން 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ 'އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް، ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތަކަށް ލިބިފައިވެ އެވެ. އޭގެ ތެރޭގައި ސެމްސަންގް، އެއާ އޭޝިއާ، ޓާޓާ ގްރޫޕް، ޑީއެޗްއެލް، ކެސްޕާސްކީގެ އިތުރުން، ނެސްލޭ ފަދަ ބޮޑެތި ކުންފުނިތަކުން ވަނީ އެކި ކެޓަގަރީތަކުން މި އެވޯޑް ހޯދައިފައެވެ.