ބޮލީވުޑްގެ މަގުބޫލު އެކްޝަން ހީރޯ ޓައިގާ ޝްރޮޕް ބާގީ ފްރެންޗައިޒްއާއެކު އެނބުރި އައުމުގެ މަސައްކަތްވަނީ ފަށާފައެވެ. މި ފަހަރު ފިލްމު ކުރީގެ ފިލްމުތަކަށްވުރެ "އަނިޔާވެރި" ވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު ނާޑިއަދުވާލާ އިއްޔެވަނީ 'ބާގީ 4' ރަސްމީކޮށް އިއުލާންކޮށްފައެވެ. އަދި އެކްޝަން ތަކަށް ލޯބިކުރާ ފޭނުންނަށް މި ފިލްމުން އެބައި ވަރަށް ބޮޑަށް ފެނިގެންދާނެކަމަށް ބުނެފައިވެއެވެ. ފިލްމުގެ ލީޑް އެކްޓަރު ޓައިގާ ވެސް ވަނީ އޭނާގެ މީސްމީޑިއާ އެކައުންޓްގައި ފަސްޓް ލުކް ޕޯސްޓަރެއް ހިއްސާކޮށްފައެވެ. އެ ތަސްވީރުގައި އޭނާ ފެންނަނީ ފާޚާނާއެއްގައި އިށީނދެގެން އިނދެ ދުންފަތުގެ އިސްތިއުމާލު ކުރަމުންދާތަނެވެ.

އެ ތަސްވީރުގައި އޭނާގެ ފައިމައްޗަށް ވެއްޓި ދެތިން ފިރިހެނުން ތިބެއެވެ. ބެލެވޭގޮތުގައި އެއީ އޭނާގެ ޝިކާރައަކަށް ވެފައިވާ މީހުންނެވެ. "އަނދިރި ރޫހެއް، ލޭއޮހޮރުވާލާ މިޝަނެއް. މިފަހަރު އޭނާއަކީ ކުރީން ފެނުނު މީހާއެއްނޫން!" އޭނާ އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.

ހަތަރު ވަނަ އިންސްޓޯލްމަންޓް ޑައިރެކްޓް ކުރަނީ 'ބަޖަރަންގީ' އާއި 'ވެދާ' ފަދަ ކަނާތު ބަހުގެ ހިޓް ލަވަތަކުގެ ފަހަތުގައި ހުރި މަޝްހޫރު ޑައިރެކްޓަރު އޭ ހަރްޝާ އެވެ. ގްރިޕިން ސްޓޯރީތަކާއި މޮޅެތި އެކްޝަން ސީކުއެންސްތައް ފެނިގެންދާނެ 'ބާގީ 4' އަކީ ހަރްޝާގެ ބޮލީވުޑްގެ ފުރަތަމަ ޑައިރެކްޝަނެވެ.

ފިލްމު ރިލީސްކުރަން ހަމަޖައްސާފައިވަނީ 5 ސެޕްޓެމްބަރު 2025ގައެވެ.

ބާގީ ސީރީޒް ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ. ފުރަތަމަ ފިލްމުގައި ޝްރައްދާ ކަޕޫރު ފެނިގެންދިޔައިރު ، 'ބާގީ 2' އިން ފެނިގެން ލީޑިން އެކްޓްރެސްގެ ރޯލުން ދިޝާ ޕަޓާނީ އެވެ. ތިން ވަނަ އިންސްޓޯލްމަންޓުގައި ޝްރައްދާ އަނެއްކާވެސް ލީޑުން ފެނިފައިވާއިރު އެފިލްމު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 600 ކްރޯޑު ރުޕީސްގެ ބޮޑު ކާމިޔާބީއެއްހޯދާފައެވެ.