އަންނަ އަހަރުގެ ތެރޭގައި ގުޅިފަޅު، ހުޅުމާލެ ފޭސް 3 އަދި ގިރާވަރުފަޅު ހިއްކައި ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ މީހުންނަށް ގޯތި ދިނުމަށް އެ ތިން ތަން ހިއްކަން ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނުގެ ސަރުކާރުގެ ކާމިޔާބީތައް ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރާ ހަވާލުވި އިރު ގުޅިފަޅުގެ 44 ޕަސެންޓް މަސައްކަތް ނިމިފައި އޮތްއިރު، އޭރު ހިއްކަން ހަމަޖެހިފައި އޮތް ސަރަހައްދު މިހާރު އެއްކޮށް ހިއްކައި ނިންމާފައިވާ ކަމަށެވެ.
އަދި މި ސަރުކާރުގެ ޕްލޭނާ އެއްގޮތަށް އެ ފަޅުގެ އެންމެ ފުން ސަރަހައްދާއެކު ހިއްކުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކޮށް އަންނަ އަހަރު މުޅި ގުޅިފަޅު އެއްކޮށް ހިއްކައި ނިންމާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރާ ހަވާލުވި އިރު، ހުޅުމާލެ ފޭސް 3ގެ 17 ޕަސެންޓް ހިއްކާފައި އޮތް ކަމަށާއި މިހާރު 38 ޕަސެންޓް ހިއްކައި ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި ބާކީ އޮތް ބިން ހިއްކައި ނިންމާނެ ކަމަށް ވިދާޅުވިއެވެ.
ގިރާވަރުފަޅުގެ ފަހުގެ މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، އެ ފަޅުގެ 19 ޕަސެންޓް ހިއްކާފައި އޮތްއިރު، މި ސަރުކާރު ހަވާލުވެ އެ ތަނުގެ 33 ޕަސެންޓް ހިއްކައި ނިންމާފައިވާ ކަމަށެވެ.
"މި މަޝްރޫއުގައި (ގިރާވަރުފަޅު ހިއްކުމުގައި) އޮތީ ބޭރުގެ ފަރާތްތަކަށް ވަރަށް ބައިވަރު ބިންތައް ލިބޭ ގޮތަށް ހަދާފައި. ވަރަށް ގަޑުބަޑު ގޮތަކަށް އެގްރިމެންޓް ހަދާފަ އޮތީ. އޭގެ ތެރެއިން ނުކުންނަން މި މަސައްކަތް ކުރަނީ. ނުކުމެ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް އެންމެ ކުޑަ ހަރަދަކުން އެތަން ހިއްކާ ނިންމަން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މި ތިން ތަން ހިއްކައި ނިމުމުން ކުރީގެ ސަރުކާރުން ކަނޑުންނާއި ފަޅުން ދީފައި ހުރި ގޯތިތައް ހަވާލުކޮށް ނިންމާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު