އިންޑިއާގެ ހޮސްޕިޓަލެއްގައި މަރުވެފައި އޮތް މީހެއްގެ ލޯ މީދާ ކާލައިފިއެވެ.

އިންޑިއާގެ ޕަޓްނާގައި ދައުލަތުން ހިންގާ ނަލަންދާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގައި ހިނގި އެ ހާދިސާގައި އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ބަޑިން ދިން ހަމަލާއެއްގައި މަރުވުމުގެ ސަބަބުންނެވެ. އެމަރު ތަހުގީގު ކުރުމަށް އޮޓޯޕްސީ ހެދުމަށް ބާއްވާފައި އޮއްވައި އޭނާގެ އެއް ލޯ ގެއްލިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

އާއިލާއިން ބުނީ އެމީހާ ހޮސްޕިޓަލުން އޮޓޯޕްސީ ހެދުމަށް ގެންދިޔަ މަގުމަތީގައި އެމީހާގެ އެއްލޯ މަދުކަމަށް ފާހަގަވިކަމަށާއި އެނދުމަތީގައި އޮޕަރޭޝަން ކުރުމަށް ބޭނުންކުރާ ތޫނު ވަޅިއެއްވެސް އޮތް ކަމަށެވެ.

މައްސަލަ ފެންމަތިވުމާއެކު އެ ހޮސްޕިޓަލުން ވަނީ ތަހުގީގެއް ހިންގައި އެކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ. ހޮސްޕިޓަލުގެ އޮފިޝަލުން ބުނީ، މިހާތަނަށް ބެލިބެލުމުން އެމީހާގެ އެއްލޯ ކާލާފައިވަނީ މީދަލެއް ކަމަށާއި އެކަމުގައި އެވަގުތު ޑިއުޓީގައި ތިބި ދެ ނަރުހުންގެ އިހުމާލު ފާހަގަވެފައިވާކަމަށެވެ. އެ ދެނަރުހުން މިހާރު ސަސްޕެންޑުކޮށްފައިވާކަމަށްވެސް އޮފިޝަލުން ބުނެއެވެ.

މި ހާދިސާގެ ތަހުގީގު މިހާރުވަނީ އޮޓޯޕްސީ އަށްފަހު އިތުރަށް ކުރިޔަށް ދިއުމަށް ނިންމާފައިކަމަށްވެސް އޮފިޝަލުން ބުނެއެވެ. އެމީހާގެ އާއިލާއިން ވަނީ މިއީ މަރުގެ މައްސަލައިގެ ތަހުގީގު އޮޅުވާލުމަށް ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.